ތައިލެންޑުގެ ބޮޑުވަޒީރު، އަނުތިން ޗާންވިރަކުލް | ފޮޓޯ: ގޫގުލް

ތައިލެންޑުގެ ޤާނޫނުހަދާ މަޖިލިސް އުވައިލާ އަލުން އިންތިޚާބު ބާއްވަނީ

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ތައިލެންޑުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް އުވާލައި އަލުން އިންތިޚާބު ބޭއްވުމަށް ނިންމެވިކަން އިޢުލާނުކުރައްވައިފިއެވެ. މި ނިންމެވުމަކީ ޤައުމުގެ ސިޔާސީ މަސްރަޙަށް އައި ބަދަލެއްގެ ސަބަބުން ރައްޔިތުންނަށް ބާރު އަނބުރާ ރައްދުކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ތައިލެންޑު ސަރުކާރުގެ ތަރުޖަމާނު ސިރިޕޮންގ އަންކަސަކުލްކިއަތު ވިދާޅުވީ، ޤާނޫނުހަދާ މަޖިލިސް އުވައިލުމަށް ނިންމާފައި ވަނީ މައި އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕަލްސް ޕާޓީއާއެކު އުފެދުނު ސިޔާސީ ދެބަސްވުމެއްގެ ސަބަބުން ކަމަށެވެ. އެ ޕާޓީން ވަނީ ބޮޑުވަޒީރު ޗާންވިރަކުލްގެ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމުގެ އިންޒާރު ދީފައެވެ. މި ސިޔާސީ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އަދި ޤައުމުގެ ވެރިކަން ރައްޔިތުންނަށް އަނބުރާ ދިނުމުގެ ގޮތުން މި ނިންމެވުން ނިންމެވީ ކަމަށް ސަރުކާރުން ބުނެއެވެ.

ބޮޑުވަޒީރު ޗާންވިރަކުލް ވިދާޅުވީ، މި ނިންމެވުމާއެކު ކުރިއަށް އޮތް 45 ދުވަހާއި 60 ދުވަހާ ދެމެދު އައު އިންތިޚާބު ބާއްވާނެ ކަމަށެވެ. މިއީ ޑިމޮކްރެސީގެ އުޞޫލުތަކުގެ ތެރެއިން ރައްޔިތުންނަށް އަލުން ޤައުމު ހިންގާނެ ބަޔަކު ހޮވުމުގެ ފުރުޞަތު ދިނުމަށް ނިންމެވި ނިންމެވުމެކެވެ.

މި ދަނޑިވަޅަކީ ތައިލެންޑާއި އަވަށްޓެރި ކެމްބޯޑިޔާއާ ދެމެދު ބޯޑަރުގެ މައްސަލަތަކާ ގުޅިގެން ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެކެވެ. ނަމަވެސް ބޮޑުވަޒީރު ވަނީ މަޖިލިސް އުވައިލި ނަމަވެސް އޭގެ ސަބަބުން ޤައުމުގެ އަސްކަރީ ޙަރަކާތްތަކަށް އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. "ޤައުމުގެ ދިފާޢީ ކަންކަމާއި ސަލާމަތަށް އެއްވެސް ބުރޫއެއް ނާރާނެ،" ބޮޑުވަޒީރު ވިދާޅުވިއެވެ.