އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ސަރަހައްދުގައި ކާރެއް ގޮވައިގެން ހިނގި ހާދިސާއެއްގައި މަދުވެގެން 10 މީހުން މަރުވެ، 19 މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ފަރީދްއާބާދުން ގިނަ އަދަދެއްގެ ގޮވާޒާތުގެ ސާމާނު ފެނި، ދިއްލީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށެވެ. މީގެ ސަބަބުން، ހައި ސެކިއުރިޓީ ޒޯނެއްގެ ގޮތުގައި ބެލެވޭ ދިއްލީގެ މެދުތެރޭގައި މިފަދަ ހާދިސާއެއް ހިނގި ގޮތާ މެދު ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އެހެންކަމުން، ދިއްލީގެ އިތުރުން މުމްބާއީގައި ވެސް ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް އިތުރުކޮށް، އެލާޓް ލެވަލް މަތިކޮށްފަ އެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ބުނި ނަމަވެސް، ރަސްމީ އިދާރާއަކުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
ދިއްލީގެ ޑެޕިއުޓީ ފަޔަ ޗީފް ވިދާޅުވީ، ޓްރެފިކް ލައިޓެއްގެ ކައިރިއަށް މަޑުމަޑުން ގޮސް ހުއްޓިފައި އޮތް ކާރެއް ގޮވުމުގެ ސަބަބުން ހަ އޮޓޯ ރިކްޝޯ ވެސް ހިމެނޭ ގޮތަށް ޖުމްލަ ހަ ވެހިކަލެއްގައި ރޯވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ރެޑް ފޯޓް ސަރަހައްދަކީ އިންޑިއާގެ ތާރީޚީ އަދި މަޝްހޫރު ތަނެކެވެ. ސަތާރަވަނަ ގަރުނުގައި ބިނާކުރެވިފައިވާ މި ތަނަށް ކޮންމެ ދުވަހަކު ވެސް އިންޑިއާގެ ރައްޔިތުންނާއި ބޭރުގެ އެތައް ހާސް ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. މީގެ އިތުރުން، މި ސަރަހައްދު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ފަސް މޭލު ދުރުގައި އޮތް އިރު، ކާރޫބާރު ބޮޑު ވިޔަފާރީގެ މަރުކަޒު ކަމަށްވާ ޗާންދަނީ ޗައުކް ސަރަހައްދާ ވެސް ވަރަށް ކައިރި އެވެ. ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރުން މިނިވަން ދުވަހުގެ ތަގުރީރު ދެއްވަން ވެސް ވަޑައިގަންނަވަނީ މި ސަރަހައްދަށެވެ.
ފުލުހުން ބުނެފައި ވަނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި، ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.