ރާއްޖޭގެ ރިސޯޓެއްގައި ދިވެހި ޒުވާން އަންހެނަކު ބަނޑުބޮޑުވެ، ކުއްޖާ ބައިގެން ދިޔަ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ވ.އަތޮޅު ރިސޯޓެއްގައި ވަޒީފާ އަދާކުރަމުންދާ އަންހެނަކު ބަލިވެއިނދެ ބައިގެންގޮސް ކުއްޖާ ނިޔާވެފައިވާ މައްސަލައެއް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.
މައުލޫމާތު ލިބުނުގޮތުގައި އެ އަންހެން މީހާ ވަޒީފާ އަދާކުރަމުންދަނީ ވ. ސިނަމަން ވިލުފުށީ ރިސޯޓުގައެވެ. ކައިވެންޏެއް ނުކޮށް ހުއްޓާ ލިބުނު ދަރިފުޅު ވިހެއީ ސްޓާފް އެކޮމޮޑޭޝަނަށް ކަމަށާއި އެ އެކޮމޮޑޭޝަންގެ ބްލޮކެއްގެ ޑަސްބިނަކުން ތުއްތު ކުއްޖަކު ފެނިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ސަރަހައްދުން ކުނިވަސް ދުވައިގެން އެކޮމޮޑޭޝަން ބްލޮކް ބަލަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ ޑަސްބިނުންނެވެ. އެ ކުއްޖާގެ ބަރުދަނުގައި ދެ ކިލޯ ހުރި ކަމަށް މައުލޫމާތު ލިބެއެެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.