ސްރީ ލަންކާގެ ގާނޫނީ ވަކީލަކަށާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި ހާދިސާއާ ގުޅުންހުރި މީހަކު ދިވެހިރާއްޖޭގައި ފިލައިގެން އުޅެނިކޮށް އަތުލައިގަނެ، ލަންކާގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފިއެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، އުމުރުން 23 އަހަރުގެ މި ޒުވާނާ ހުކުރު ދުވަހު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބި ވަގުތު އެ ގައުމުގެ ސީ.އައި.ޑީ އިން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ލަންކާ ފުލުހުން ހާމަކުރި ގޮތުގައި، ހައްޔަރުކުރެވުނު މީހާއަކީ އެ ދެމަފިރިންނަށް ހަމަލާދިން ގާތިލުންނަށް ދަތުރުފަތުރުގެ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. އެތުކަންދުރާ އަށް ނިސްބަތްވާ މި މީހާ ހޯދަމުން ދިޔައީ މިދިޔަ ފެބްރުއަރީ 13 ގައި އަކުރެގޮޑާ ސަރަހައްދުގައި ހިންގި އެ ގާތުލްއާންމާ ގުޅިގެންނެވެ. މިހާރު އޭނާ ވަނީ އިތުރު ތަހުގީގަށް ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކުރެވިފައެވެ.
ކުރިން ވެސް ކުށުގެ ރެކޯޑް އޮތް މީހެއް
މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، ކޯޓުން ޖޫރިމަނާކޮށްފައިވާ ކަމަށް ލަންކާ ފުލުހުންގެ މައުލޫމާތުތަކުން އެނގެއެވެ.
މި މަރުގެ ހާދިސާ ހިނގާފައިވަނީ ކޮލަމްބޯ ކައިރީގައި އޮންނަ އަކުރެގޮޑާގެ ސުޕަމާކެޓެއްގެ ޕާކިންގައި އޮތް ކާރެއްގެ ތެރޭގައި އެ ދެމަފިރިން ތިއްބައެވެ. މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
ލަންކާގައި ގޭންގުތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި ބަޑީގެ ހަމަލާތައް އިތުރުވަމުންދާތީ، އެ ގައުމުގެ ފުލުހުން ދަނީ ކުށްކުރާ ގޭންގުތަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. ލަންކާ ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގައި 50 އަށްވުރެ ގިނަ ގޭންގު ހަރަކާތްތެރިވަމުންދާއިރު، މިދިޔަ އަހަރު އެކަނިވެސް ބަޑިޖެހުމުގެ ގިނަ ހާދިސާތަކެއް ހިނގައި ގިނަ ބަޔަކު ވަނީ މަރުވެފައެވެ.