ވައިސް ޗެއާމަން ވަންގް ޑޮންގްމިންގް އާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރެއްވުން

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަަން ރައީސާ ބައްދަލުކުރައްވަ

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ޗައިނާގެ ދައުލަތުގެ އެންމެ މުހިއްމު އިދާރާ ކަމުގައިވާ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން ވަންގް ޑޮންގްމިންގް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައި، އެމަނިކުފާނާ ބައްދަލުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ރައީސްވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. 

ދުވަސްވީ އެކުވެރި ގުޅުމާއި، ދެ ގައުމުގެ މެދުގައި އޮތް އިތުބާރުގެ މައްޗަށް ބިނާވެފައިވާ ޗައިނާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ރައީސްވަނީ ދެއްވާފައެވެ. އޭގެ އިތުރަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭހެން މުހިއްމު ތަރައްގީގެ އެކި މަސައްކަތްތަކުގައި ޗައިނާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. 

މި ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެއްބާރުލުންދީ އެކުގައި މަސައްކަަތްކުރެވޭނެ އިތުރު ދާއިރާތައް ދެނެގަތުމާއި، މިހާރުވެސް އުފެދިފައި ހުރި ގުޅުންތައް އިތުރަށް ވަރުގަދަކުރުމާމެދު މަޝްވަރާކުރައްވާފައިވެއެވެ. 

އެގޮތުން އެއްބާރުލުންދީ ދެ ގައުމުން އެކުގައި މަސައްކަތްކުރާނެ މުހިއްމު ދާއިރާތަކުގެ ތެރޭގައ ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މުވާސަލާތާއި ދަތުރުފަތުރާއި އައިޓީއާއި ވިޔަފާރި ހިމެނެއެވެ. 

ވައިސް ޗެއާމަން ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. 

ޗައިނާގެ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއަކީ އެ ގައުމުގެ ދައުލަތުގެ އެންމެ ބާރުގަދަ އަދި އެންމެ މަތީ ގުނަވަނެވެ. އަހަރަކު އެއްފަހަރު އެއްވާ މި ގުނަވަނުގެ ބައްދަލުވުން ނޯންނަ ވަގުތުތަކުގައި އެ ގުނަވަނުގެ ހުރިހާ ބާރުތަކެއް ތަންފީޒުކޮށް ހިންގާނީ ސްޓޭންޑިން ކޮމިޓީންނެވެ.