ބުރިޖު ބެލެހެއްޓުމާ ގުޅޭ ތަމްރީނަށް އިންޖިނިއަރުންގެ ޓީމެއް ޗައިނާއަށް

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ސިނަމާލެ ބްރިޖު މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ތަމްރީނުތަކެއް ފުރިހަމަކުރަން ދިވެހި އިންޖިނިއަރުންގެ ޓީމެއް ޗައިނާއަށް ފުރަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 15 އިން 26 އަށް ޗައިނާގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ދިވެހި އިންޖިނިއަރުންގެ ޓީމާ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.

އެ ޓީމްގައި އިސްކޮށް ހުންނަވާނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ އާ ބެހޭ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް އިސްމާއީލް ޝަފީއެވެ.

ޗައިނާ ސަފީރު ވިދާޅުވީ މިއީ ޗައިނާގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ، އެ ގައުމުގެ ޓެކްނޮލޮޖީގެ ކުރިއެރުންތައް އަމަލީގޮތުން ދެނެގަނެ، ގައުމުގެ ތަރައްގީއަށް ބޭނުންތެރި އައު ވިސްނުންތަކެއް ހޯދުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.

ސިނަމާލެ ބުރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރި ބުރިޖެކެވެ. އެ ބްރިޖު ރަސްމީކޮށް އިފްތިތާހު ކުރީ 30 އޮގަސްޓު 2018ގަ އެވެ.