ބީވައިޑީގެ ކާރެއް

ދުނިޔޭގެ އީވީ މާކެޓުގައި ބީވައިޑީ ފިޔަޖަހަނީ

މުހައްމަދު ހަމީޒް
 
10 ދުވަސް ކުރިން

2011 ވަނަ އަހަރު، ޓެސްލާގެ ސީއީއޯ އީލޮން މަސްކް ވަނީ ޗައިނާގެ އީވީ އުފައްދާ ކުންފުނި ބީވައިޑީ އަކީ ވާދަވެރިއެއް ނޫން ކަމަށް ބުނެ އެ ކުންފުންޏަށް މަލާމާތްކޮށްފައެވެ. ނަމަވެސް، ގާތްގަނޑަކަށް 14 އަހަރު ފަހުން، ބީވައިޑީން މިވަނީ އެމެރިކާގެ އީވީ އުފެއްދުމުގެ މޭސްތިރި، އޭނާގެ އަމިއްލަ ކުޅިވަރުގައި ބަލިކޮށްފައެވެ.

މި ހަފުތާގައި ދެ ވާދަވެރި ކުންފުނިން އާންމުކުރި 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާގެ ކާރު އުފައްދާ ބޮޑު ކުންފުނި ބީވައިޑީން ވަނީ ޓެސްލާ ފަހަތަށް ޖައްސާލައި، ދުނިޔޭގައި އެންމެ ގިނައިން އީވީ ވިއްކާ ކުންފުންޏަށް ވެފައެވެ.


ބީވައިޑީން ބުރާސްފަތި ދުވަހު އިއުލާންކުރި ގޮތުގައި އެ ކުންފުނިން 2.26 މިލިއަން އީވީ ވިއްކާފައިވެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް %28 އިތުރު އަދަދެކެވެ. އަނެއްކޮޅުން، ޓެސްލާއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވަނީ ވިކޭ މިންވަރު ޖެހިޖެހިގެން ދެވަނަ އަހަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ވިކުނު މިންވަރު %8.6 ދަށަށް ގޮސް، ވިއްކުނީ އެންމެ 1.6 މިލިއަން އުޅަނދެވެ. މިއީ އެ ކުންފުނީގެ ތާރީޚުގައި އަހަރެއްގެ ތެރޭގައި ވިކުނު މިންވަރު އެންމެ ބޮޑަށް ދަށަށްދިޔަ ފަހަރެވެ.

އެމެރިކާގެ ބާޒާރުން ބީވައިޑީގެ އީވީތައް ގަންނަން ނުލިބުނު ނަމަވެސް، އެ ކުންފުންޏަށް ޓެސްލާ ފަހަތަށް ޖައްސާލެވުނެވެ. މިއާ ޚިލާފަށް، ޗައިނާއަކީ ޓެސްލާގެ ދެވަނައަށް އެންމެ ބޮޑު މާކެޓެވެ.

ހަތަރުވަނަ ކުއާޓަރުގައި ޓެސްލާގެ ސޭލްސް ހުރީ ގާތްގަނޑަކަށް 418,000 ގައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.6 ދަށް އަދަދެކެވެ. އަދި ތިންވަނަ ކުއާޓަރުގައި ރެކޯޑް މިންވަރަކަށް ވިކުނު އަދަދާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު ދަށްވުމެކެވެ. ތިންވަނަ ކުއާޓަރުގައި ސޭލްސް މަތިވީ އޮކްޓޯބަރު 1 ގައި 7,500 ޑޮލަރުގެ ޓެކްސް ކްރެޑިޓް މުއްދަތު ހަމަވުމުގެ ކުރިން އެމެރިކާގެ ގިނަ ބަޔަކު އީވީ ގަންނަން އަވަސްވެގަތުމުންނެވެ.


އެހެން ކާރު އުފައްދާ ކުންފުނިތަކާ ޚިލާފަށް، ޓެސްލާއިން ވަކިވަކި މާކެޓްތަކުގެ ސޭލްސް ރިޕޯޓެއް ނުކުރެއެވެ. އެ ކުންފުނިން ހާމަކުރަނީ ހަމައެކަނި ދުނިޔޭގެ ޖުމްލަ އަދަދުތަކެވެ. ނަމަވެސް ކުންފުނީގެ ރިޕޯޓްތަކުން ދައްކާގޮތުގައި އެމެރިކާގެ މާކެޓަކީ އެ ކުންފުނީގެ އާމްދަނީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރާ މާކެޓެވެ. އެހެން ކުންފުނިތަކުން ހޯމަ ދުވަހު ނެރުނު ރިޕޯޓްތަކުން ވެސް ދައްކާގޮތުގައި 2025 ގެ ފަހު ތިން މަހު އެމެރިކާގައި އީވީ ވިކުނު މިންވަރު ވަނީ ދަށަށް ގޮސްފައެވެ.

އެއްދުވަސްވަރެއްގައި ޓެސްލާގެ ޑެލިވަރީތައް އަހަރަކު ގާތްގަނޑަކަށް %50 އިތުރުވަމުން ދިޔައެވެ. ނަމަވެސް 2024 ވަނަ އަހަރު އެ ކުންފުނީގެ އަހަރީ ސޭލްސް ފުރަތަމަ ފަހަރަށް %1 ދަށަށް ދިޔަކަމަށް ރިޕޯޓްކުރިއެވެ. 2025 ގެ ފުރަތަމަ ހަ މަސްދުވަހު ސޭލްސް ވަރަށް ބޮޑަށް ދަށަށް ދިޔައީ، ބީވައިޑީ އާއި ދުނިޔޭގެ ކުރީގެ މަޝްހޫރު ކާރު އުފައްދާ ކުންފުނިތަކުގެ އީވީތަކާ ވާދަކުރަން ޖެހުމުގެ އިތުރުން، މަސްކްގެ ސިޔާސީ ހަރަކާތްތަކާ ގުޅިގެން އެމެރިކާ އާއި ޔޫރަޕްގެ ގިނަ ބަޔަކު ހިތްހަމަނުޖެހިގެން އުޅުމުގެ ސަބަބުންނެވެ.

އަހަރުގެ ކުރީކޮޅު، ޓްރަމްޕް ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީގެ އިސްވެރިއަކަށް މަސްކް ހުރިއިރު، ޔޫރަޕާއި އެމެރިކާގެ ޓެސްލާ ޝޯރޫމްތައް ކުރިމަތީގައި ގަވާއިދުން މުޒާހަރާތައް ބާއްވައި، ޓެސްލާ ކާރުތަކަށާއި ތަންތަނަށް ގެއްލުން ދީފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވެއެވެ.

މުއްދަތު ހަމަވާން އުޅުނު ޓެކްސް ކްރެޑިޓްގެ ފައިދާ ހޯދުމަށް މީހުން އަވަސްވެގަތުމުން ތިންވަނަ ކުއާޓަރުގެ ސޭލްސްއަށް އެހީތެރިވިއެވެ. ނަމަވެސް އޭގެ ސަބަބުން، އަހަރުގެ ފަހުކޮޅު ޓެސްލާ ގަންނަން ތިބި މީހުން މާކުރިން ކާރު ގަތުމަށް މަގުފަހިވިއެވެ.


ޓެކްސް ކްރެޑިޓް ގެއްލުމުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި، ޓެސްލާއިން ވަނީ މޮޑެލް 3 އަދި މޮޑެލް Y ގެ އަގުހެޔޮ ވާޝަންތަކެއް ނެރެފައެވެ. ނަމަވެސް މި ވާޝަންތަކުގެ އަގު "ޕްރީމިއަމް" ވާޝަންތަކަށްވުރެ 5,000 ޑޮލަރު ހެޔޮވި ނަމަވެސް، އެއްފަހަރު ޗާޖުކޮށްގެން ދެވޭ ރޭންޖް ކުޑަވެފައި ބައެއް ފީޗާސްތައް މަދެވެ.

ވަރުގަދަ ވާދަވެރިކަން

ބީވައިޑީން މި ކާމިޔާބީ ހޯދީ އެ ކުންފުނީގެ އަމިއްލަ ގައުމުގެ މާކެޓުގައި އޮތް ވަރުގަދަ ވާދަވެރިކަމާއި އަގުގެ ހަނގުރާމައިގެ ތެރެއިންނެވެ. ޗައިނާގެ މާކެޓުގައި އޮތް ބޮޑު ފިއްތުންތަކުގެ ސަބަބުން، ޝެންޒެންގައި މަރުކަޒުވެފައިވާ މި ކުންފުނިން ވަނީ ބޭރުގެ ގައުމުތަކަށް ފުޅާވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ކުންފުނީގެ އަގުހެޔޮކުރުމުގެ ސިޔާސަތުގެ ސަބަބުން ބައެއް މާކެޓްތަކުގައި ފާޑުކިޔުންތައް އަމާޒުވެ، އާ ޓެރިފްތަކެއް (އިމްޕޯޓް ޑިއުޓީ) ވަނީ ކުރިމަތިވެފައެވެ.އީވީ އާއި ހައިބްރިޑް ހިމެނޭހެން ބީވައިޑީގެ ޖުމްލަ ސޭލްސް ކުރިއަރާ މިންވަރު ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެންމެ ދަށްވި މިންވަރަށް މަޑުޖެހިފައިވާއިރު، މިދިޔަ އަހަރު ވިކިފައިވަނީ 4.6 މިލިއަނަށްވުރެ ގިނަ އުޅަނދެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އޮޓޯމޮބައިލް މާކެޓް ކަމަށްވާ އަދި ބީވައިޑީގެ ގިނަ ކާރުތައް ވިއްކާ ޗައިނާގެ މާކެޓުގައި އެ ކުންފުންޏަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހާމަކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ދެވަނަ އަދި ތިންވަނަ ކުއާޓަރުގައިވެސް ބީވައިޑީގެ ފައިދާ ދަށްވެފައިވާ ކަމަށް އެ ކުންފުނިން ވަނީ ރިޕޯޓްކޮށްފައެވެ.

އެޗްއެސްބީސީގެ ދިރާސާތަކުން ދައްކާގޮތުގައި، ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި ޗައިނާގެ އޮޓޯ މާކެޓުގައި ވާދަވެރިކަން ކުޑަވި ނަމަވެސް، ގާތްގަނޑަކަށް 150 ކާރު ބްރޭންޑާއި 50 އަށްވުރެ ގިނަ އީވީ އުފައްދާ ކުންފުނިތަކާއެކު ވާދަވެރިކަން އަދިވެސް އޮތީ ވަރަށް ވަރުގަދަކޮށެވެ. ޗައިނާގެ ދެވަނައަށް އެންމެ ބޮޑު އީވީ އުފައްދާ ކުންފުނި ކަމަށްވާ ގީލީ އާއި، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ލީޕްމޮޓޯ އަދި 2024 ވަނަ އަހަރު އެންމެ ފުރަތަމަ އީވީ ބާޒާރަށް ނެރުނު ޝައޯމީ ފަދަ ވާދަވެރިންގެ ސަބަބުން، ޗައިނާގެ މާކެޓުގައި ބީވައިޑީގެ ހިއްސާ މަޑުމަޑުން ވަނީ ކުޑަވާން ފަށާފައެވެ.


ޗައިނާ ޕެސެންޖަރ ކާ އެސޯސިއޭޝަނުން ބުނާގޮތުގައި، 2023 ވަނަ އަހަރު ބީވައިޑީގެ މާކެޓް ހިއްސާ 35 އިންސައްތައިގައި ހުރުމަށްފަހު، 2025 ވަނަ އަހަރުގެ ފުރަތަމަ 11 މަސްދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 29 އިންސައްތައަށް ދަށްވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ބީވައިޑީގެ ސޭލްސް 5 އިންސައްތައަށްވުރެ ބޮޑަށް ދަށްވިިއިރު، ގީލީގެ ސޭލްސް ވަނީ ގާތްގަނޑަކަށް 90 އިންސައްތަ އިތުރުވެފައެވެ.

ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑިސެމްބަރު މަހު އިންވެސްޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބީވައިޑީގެ ބާނީ އަދި ސީއީއޯ ވަންގް ޗުއާންފޫ ވިދާޅުވީ، އެތެރޭގެ މާކެޓުގައި ސޭލްސް ދަށްވީ ޓެކްނޮލޮޖީގެ ގޮތުން ބީވައިޑީއަށް އޮތް ކުރިއެރުން ކުޑަވުމާއި އުފެއްދުންތަކުގެ މެދުގައި ހުރި ތަފާތުތައް މަދުވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، އެ ކުންފުނިން ވަރަށް އަވަހަށް އާ ޓެކްނޮލޮޖީތައް ތައާރަފުކުރާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ހެނދުނުގެ ވިޔަފާރީގައި ޓެސްލާ ގެ ހިއްސާގެ އަގު 1.2 އިންސައްތަ މައްޗަށް ދިޔައެވެ. 2025 ވަނަ އަހަރު ނިމުނުއިރު ޓެސްލާގެ ހިއްސާގެ އަގު ވަނީ މުޅި އަހަރު ދުވަހަށް ބަލާއިރު 18.6 އިންސައްތަ މަތިވެފައެވެ. މިއީ ސޭލްސް ދަށްވުމަށްވުރެ ބޮޑަށް، މަސްކްގެ ރޮބޮޓެކްސީ ފްލީޓާއި ވަރަށް އަވަހަށް އުފައްދަން ފަށާނެ ކަމަށް ވައުދުވެފައިވާ ހިއުމަނޮއިޑް ރޮބޮޓްތަކުގެ "ލަޝްކަރަށް" އިންވެސްޓަރުން ކުރާ އިތުބާރުގެ ސަބަބުން އައި ބަދަލެކެވެ. ނަމަވެސް، މިހާތަނަށް ޓެސްލާގެ ރޮބޮޓެކްސީ ޚިދުމަތް ފެށިފައިވަނީ އޭނާ ވައުދުވި މިންވަރަށްވުރެ މާ ކުޑަކޮށެވެ. އަހަރު ނިމޭއިރު އެމެރިކާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ޚިދުމަތް ދޭނެ ކަމަށް އޭނާ ލަފާކުރި ނަމަވެސް، މިހާރު އެ ޚިދުމަތް އޮތީ ހަމައެކަނި ޓެކްސަސްގެ އޮސްޓިން އަދި ސެން ފްރެންސިސްކޯގެ ސަރަހައްދަށް ހަނިވެފައެވެ.