އިންޑިއާގެ ބޮޑުވަޒީރާއި ޗައިނާގެ ރައީސް

އިންޑިއާ އާއި ޗައިނާއަކީ "އެކުވެރިން އަދި ބައިވެރިން": ޗައިނާގެ ރައީސް ޝީ

މުހައްމަދު ހަމީޒް
 
3 މަސް ކުރިން

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޝީ ފޮނުއްވި މެސެޖެއްގައި، އިންޑިއާ އާއި ޗައިނާއަކީ "އެކުވެރިން އަދި ބައިވެރިން" ކަމަށް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ވިޔަފާރިއަށް ލޮޅުން އަރުވާލާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފް ހަނގުރާމައާ ގުޅިގެން، އޭޝިއާގެ މި ދެ ބޮޑު ބާރުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވަމުންދާ ދަނޑިވަޅެއްގައި، ބެއިޖިންގް އާއި ނިއުދިއްލީއަކީ "ރަނގަޅު އަވަށްޓެރިން، އެކުވެރިން އަދި ބައިވެރިން" ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ފާހަގަކުރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޝީ ވަނީ އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫއަށް ތަހުނިޔާ ފޮނުއްވާފައެވެ.

ރަސްމީ ނިއުސް އެޖެންސީ ޝިންހުއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ޗައިނާ-އިންޑިއާގެ ގުޅުން ރަނގަޅުވެ ކުރިއަރަމުން ގޮސްފައިވާ ކަމަށާއި، މިއީ "ދުނިޔޭގެ ސުލްހަ އާއި ތަނަވަސްކަން ދެމެހެއްޓުމަށާއި ކުރިއެރުވުމަށް ނުހަނު މުހިންމު" ކަމެއް ކަމަށް ޝީ ވިދާޅުވިއެވެ.


ޗައިނާގެ ރައީސްގެ މި އޯގާތެރި ބަސްފުޅުތައް އައިސްފައިވަނީ، 2020 ވަނަ އަހަރު ހިނގި ބޯޑަރު ކުރިމަތިލުންތަކަށްފަހު ގާތްގަނޑަކަށް ހަތަރު އަހަރު ވަންދެން އޮތް ނުތަނަވަސްކަމާއި އިގްތިސާދީ ހުރަސްތަކަށްފަހު، ބެއިޖިންގް އާއި ނިއުދިއްލީގެ ގުޅުން އަލުން އާލާކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ކުރިމަތިލުންތަކުގައި އިންޑިއާގެ މަދުވެގެން 20 ސިފައިން މަރުވިއިރު، ޗައިނާގެ 4 ސިފައިން ވެސް މަރުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

2020 ގެ ބޯޑަރު ހަމަނުޖެހުމަށްފަހު، އިންޑިއާއިން ވަނީ ޗައިނާގެ ޓިކްޓޮކް މަނާކޮށް، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް ޗައިނާއިން ކުރާ އިންވެސްޓްމަންޓްތަކަށް ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. އެހެންނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ކުރިއަށް ގޮސް، އަހަރަކު 130 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

އެމެރިކާއިން އިންޑިއާގެ މުދަލުން ބޮޑު ޓެރިފެއް ނަގަން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިދިޔަ އޮގަސްޓް މަހު ޗައިނާގެ ތިއަންޖިންގައި ބޭއްވި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، ބެއިޖިންގްއާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާކަމުގެ އިޝާރާތެއް މޯދީ ދެއްވިއެވެ.

މިދިޔަ އަހަރު ވެރިކަމަށް އެނބުރި ވަޑައިގަތުމަށްފަހު ޓްރަމްޕް ފެއްޓެވި ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން، އިންޑިއާ އާއި ޗައިނާގެ އިތުރުން އެހެން ގައުމުތަކުގެ އިގްތިސާދީ މަސްލަހަތަށް ވެސް ވަނީ އަސަރުކޮށްފައެވެ. އެމެރިކާއަށް އެކްސްޕޯޓްކުރާ އިންޑިއާގެ މުދަލުން މިހާރު 50 އިންސައްތަ ޓެރިފް ނަގާއިރު، މިއީ ދުނިޔޭގެ އެންމެ މަތީ ރޭޓުތަކުގެ ތެރޭގައި ހިމެނޭ މިންވަރެކެވެ. އަދި ޗައިނާގެ މުދަލުން 30 އިންސައްތައަށް ވުރެ މަތީގެ ޓެރިފެއް ނަގައެވެ.

އޭޝިއާގެ މި ދެ ބޮޑު ބާރުން ގުޅުން އަލުން ބަދަހިކުރަން ފެށީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ރަޝިއާގެ ކަޒާންގައި ބޭއްވި ބްރިކްސް ސަމިޓުގެ ތެރެއިން ޝީ އާއި މޯދީ ބައްދަލުކުރެއްވުމުންނެވެ. އިންޑިއާ އާއި ޗައިނާއަކީ ޓްރަމްޕް ފާޑުވިދާޅުވާ ބްރިކްސް ގްރޫޕް އުފެއްދުމުގައި އިސްކޮށް އުޅުނު ދެ ގައުމެވެ. މިއީ ފާއިތުވި ފަސް އަހަރު ތެރޭގައި މޯދީ އާއި ޝީ ބޭއްވި ފުރަތަމަ ރަސްމީ މަޝްވަރާތަކެވެ.

ޝިންހުއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޝީގެ މެސެޖުގައި ޗައިނާ އާއި އިންޑިއާ ސިފަކުރައްވާފައިވަނީ "އެކުގައި ނަށާ ލެގޫން (ޑްރެގަން) އާއި އެތް" ގެ ގޮތުގައެވެ. ޝީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މުއާމަލާތްތަކާއި އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި، ދުޅަހެޔޮ އަދި ހަމަޖެހޭ ގުޅުމެއް ގާއިމުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބޯޑަރުގެ މައްސަލަތައް އަދިވެސް ހައްލުނުވެ އޮތް ނަމަވެސް، ދެ ގައުމުން ދަނީ ގުޅުން ބަދަހިކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހު، ފަސް އަހަރަށްފަހު އިންޑިއާ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުމަށް ވަނީ ނިންމާފައެވެ. އަދި ރޮއިޓާސް ނިއުސް އެޖެންސީގެ ރިޕޯޓެއް ބުނާ ގޮތުގައި، އިންޑިއާގައި ޗައިނާއިން ކުރާ އިންވެސްޓްމަންޓްތަކަށް އޮތް ހުރަސްތައް ލުއިކޮށްދިނުމަށް ވެސް އިންޑިއާއިން ދަނީ ރާވަމުންނެވެ.