ޑިމޮކްރަސީއަކީ މިއީބާ...؟!
ރައީސް މައުމޫނު 2006 ގައި އިއުލާނު ކުރެއްވި "ނިއު މޯލްޑިވްސް" ރިފޯމް އެޖެންޑާގެ ދަށުން ގާނޫނު އަސާސީއަށް ގެނެވެނު ބަދަލާއިއެކު، ގިނަ ޕާޓީ ހިމެނޭ ޑިމޮކްރަސީއަކަށް އަންބާ ކިޔާފައި ދިވެހިރާއްޖެ ދީލާލިއެވެ. އެއިރަކު މިއީ ކިހިނެއް ހިނގާ ކޮން އެއްޗެއްކަމެއް ގިނަ މީހުންނަކަށް ނުވެސް އެނގެއެވެ. ޕާޓީގެ ނަމުގައި ހޮޓާތަކުގައި ކުރިހާ ޒުވާބާ، ކަންކަން މަތީ ކުރިހާ މުޒާހަރާއާ، ދެމިހާ ފޮއްޗާ، ކެއިހާ ބޮނޑިބަތުގެ އަދަދެއް ބުނާކަށްވެސް ނޭނގެއެވެ. ރައީސް މައުމޫނު އަމިއްލައަށް ފޭހުނު އިލޮށިގަނޑު އެމަނިކުފާނު ލޮލަށްވަދެ، ވެރިކަން ކަފުންވުމުގެ ސަބަބު ކަމަށްވާ ދިވެހިރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީއަށް 20 އަހަރު ފުރުން މިފެށޭ ޖޫންމަހު 25ގައި ފާހަގަކުރާއިރު އެތައް ކަމެއް ހިނގައި، ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ދެފުށް ދިވެހިންނަށް ދައްކުވައިދީފިއެވެ. ކުލަފޮށީގައި ހުރި ހުރިހާ ކުލައެކެވެ. ރަނގަޅާއި، ގިނަފަހަރު ނުބައެވެ. ފިތުނަޔާ، ހައްދެއްނެތް ހަސަދައެވެ. ތައައްސުބާއި، ސުމާރެއް ނެތްހާ ހަރަދެވެ. ސުވާލަކީ ދިވެހިންނަށް، މި ރާއްޖެއަށް ކަމުދަނީ ހަމަ މިގޮތް ހެއްޔެވެ؟
2021 މާރިޗު 28 ވަނަ ދުވަހު "އީސީ ޝަރީފް" ޓުވިޓަރގައި ލިޔުއްވާފައިވާ ގޮތުންނަމަ 2021 ވަނަ އަހަރުގެ މާރިޗު 30ގެ ނިޔަލަށް ރާއްޖޭގައި ވޯޓުލެވޭ 270،000 މީހުން ތިއްބެވެ. އިލެކްޝަން ކަމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން މާރިޗު މަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓަރީވެފައިވާ 8 ސިޔާސީ ޕާޓީގައި 134،247 މެމްބަރުން ތިއްބެވެ. އާދެ، ވޯޓުލެވޭ އާބާދީގެ ނިސްބަތުން، ޕާޓީތަކުގައި ތިބީ %49.7 މީހުންނެވެ. މާނައަކީ، ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ޖުމްލަ އަދަދުން ދިވެހި ރައްޔިތުންގެ ވޯޓުލެވޭ އާބާދީގެވެސް މެޖޯރިޓީއެއް ނުލިބެއެވެ.
މިއަދުގެ ތަފާސް ހިސާބަށް ބަލާއިރު 9 ޕާޓީއެއްގައި 159،706 މީހުން ތިބިއިރު، 2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގެ އާބާދީއަކީ 382،639 މީހުންނެވެ. މި ދެއަދަދު ހިސާބުކުރާއިރު ޕާޓީއަށް ނިސްބަތްވަނީ އާބާދީގެ 42% މީހުންނެވެ. ފިކުރުހިންގަން ޖެހޭކަމަކީ، މީގެތެރޭގައި ޕާޓީއެއްގެ ޕްރައިމަރީގައި ވަކިމީހަކަށް ވޯޓުހަމަކުރުމަށް ރަޖިސްޓަރވެފައި ތިބި މީހުން ބައިވަރު ތިބިކަމެވެ. ވަޒީފާ ހޯދަން ރެޖިސްޓްރީވެފައިތިބި މީހުން ބައިވަރެވެ. ވަގަށް ޕާޓީއަށް ވައްދާފައިވާ މީހުން އެހާ ގިނައެވެ. ޕާޓީގައި ރަޖިސްޓަރީ އޮތަސް ތާއީދު ނުކުރާމީހުން ވެސް މަދެއް ނުވާނެއެވެ. މިހުރިހާ އެންމެން އެއްކޮށްލުމުން އަދިވެސް ޕާޓީގެ ތާއީދު ދާނީ ދަށަށެވެ. އާދެ! ކުރުކޮށް ބުނާނަމަ ދިވެހިންގެ މައްޗަށް ވެރިކަން މިކުރާ ނިޒާމުގައި ދިވެހި ރައްޔިތުންގެ އެންމެ ފުރިހަމަ ބައިވެރިވުމެއް ނެތެވެ.
އާދޭހެވެ. ޑިމޮކްރަސީއެއްގެ އެންމެ އަސާސީ އަސާސަކީ، ގާނޫނު އަސާސީ ލިޔަމުން ބުނެފައިއޮތް ގޮތަށް، ރައްޔިތުންގެ ބައިވެރިވުންއޮތް، ރައްޔިތުން ޝާމިލުވާ، ރައްޔިތުން އިންތިހާބު ކުރާ، ރައްޔިތުންގެ ސަރުކާރެއް އޮތުމެވެ. ނަމަވެސް ރައްޔިތުންގެ މައްޗަށް މިހާރު ވެރިކަން ކުރަނީ، ރައްޔިތުންނަށް ގޮތް ނިންމާ މިހަދަނީ ޕާޓީ ނިޒާމެއްގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވަނީ ޕާޓީ ޓިކެޓުގައެވެ. ނުކުންނަނީ ޕާޓީގެ މެނިފެސްޓޯއާއި ކުލަ ހިފައިގެންނެވެ. ރައްޔިތުންގެ މަޖިލިސްވެސް މިހެންނެވެ. ނުކުންނަނީ ޕާޓީގެ ޓިކެޓުގައެވެ. ރައްޔިތުންނަށް ވިއްކަނީ ޕާޓީގެ އެޖެންޑާއެވެ. "ރައްޔިތުންގެ" މަޖިލީހުގެ ކަންކަން ތަރުތީބުވެފައިވެސް ހުންނަނީވެސް މިބީދައިންނެވެ. ރައްޔިތުންގެ މަންދޫބުން ވާހަކަ ދައްކާނެ ގަޑި ބަހަނީ މެޖޯރިޓީއޮންނަ ޕާޓީއަށް ގިނައިންނެވެ. ކޮމިޓީތައް އެކުލަވާލެވިފައި ވަނީވެސް މިހެންނެވެ. ޕާޓިލައިނުން ވިޕްނެރެ ޕާޓި ބޮޑުމީހާ ބޭނުންވާގޮތަށް ވޯޓުލާން މަޖުބޫރު ކުރެވެއެވެ. ހޮވި ރައްޔިތުން ކައިރީ ހޭވެސް އަހާ ނުލައެވެ. މިހެން މިކަން އޮތްއިރު، މިއީ ފުރިހަމަ ރައްޔިތުންގެ ވެރިކަމެކޭ ބުނެވިދާނެހެއްޔެވެ؟
ރާއްޖޭގެ ސިޔާސީ ޕާޓީތައް އަބަދުމެހެން މިއެނބުރެނީ މީހަކު ވަށައިގެންނެވެ. ގައުމުގެ ހުރިހާ މަހުޖަނުން މުދާ ގަނޑެއްހެން ގެންގުޅޭ ޕާޓީތަކެއް އެބައިމީހުންނަށް ފަތްލިޔެފައި އެބަހުއްޓެވެ. މިކަހަލަ ޕާޓީތައް ބޮޑަށް ބޭނުންކުރަނީ ވިޔަފާރި ކުރިއެރުވުމަށާއި، އެކި ގޮތްގޮތަށް ދައުލަތުން ލާރިއާއި، ނުފޫޒާއި، މުދަލާއި، ބިން ލޫޓުވުމަށެވެ. ގިނަ ޕާޓީތަކުގެ ސިޔާސަތުތައް ނިންމަނީ އިސްކޮށް އުޅޭ މަދުބައެކެވެ. ޕާޓީއެއްގެ އާއްމު މެމްބަރަކަށް، ޕާޓީ މީހާއަށް ވޯޓުލުމާއި، ސޯޝަލް މީޑިޔާގައި ތިމާ ނިސްބަތްވާ ޕާޓީއަށް ސަނާކިއުމާ، އިދިކޮޅު ޕާޓީއަށް އެއްޗެހި ކިއުމާއި، ޕާޓީއަށް ނިސްބަތްވީތީ ލިބޭ ވަޒީފާއެއްގެ އިތުރުން ލިބޭނެ މާބޮޑު އެއްޗެއް މާބޮޑު ބައިވެރިވުމެއް ނޯވެއެވެ. ޕާޓީ މީހުން ގިނަފަހަރަށް ފޯނަށް ޖަވާބުވެސް ނުދެއެވެ. އަމުދުން ޕާޓީގެ ސިޔާސަތު އެކަށައަޅައި ތަންފީޒު ކުރާކަށް އާންމު މެމްބަރަކަށް އެއްވެސް ރޯލެއް ނުލިބެއެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ޕާޓީތަކަށް މިހާތަނަށް މިދިޔަ 19 ވަރަކަށް އަހަރުތެރޭ 350ހަކަށް މިލިޔަން ރުފިޔާ ދީފިއެވެ. ވީ މޮޅެއް، ކުރިކަމެއް، ހެދި ނެހެދިއެއް ނޭނގެއެވެ. 350 މިލިޔަން ރުފިޔާއިން ގައިމު ހާހެއްހާ ކުދިންނަށް ރާއްޖެއިން ބޭރުން ކިޔެވުނީހެވެ. ހައެއްކަ ރަށުގައި ނަރުދަމާއަޅާ، ބަނދަރު ހެދުނީހެވެ. ދިހަ ވަރަކަށް ރަށުގައި މަގުހެދުނީހެވެ. ވިއްސަކަށް ހެލްތު ޕޯސްޓު ހެދުނީހެވެ. ހުރިހާ ރަށަކަށް އެންބިއުލާންސް ގަނެވުނީހެވެ. މިހެންގޮސް ކިޔާނެކަމެއް ނެތެވެ!
ރަނގަޅެވެ. ޕާޓީއަށް ނިސްބަތް ނުވިޔަސް، ޕާޓީއަކަށް ތާއީދު ނުކުރިޔަސް ވޯޓުލެވެއެވެ. ތިމާ ބޭނުންމީހަކު ހިޔާރުކުރުމުގެ ފުރުސަތެއް ނުގެއްލެއެވެ. އެހެނަސް، ވެރިކަމުގެ ނިޒާމުގައި ޕާޓީ ލަވައިގެ ބާރު އެހާ ގަދަވީތީ، ހަގީގަތުގައި ގައުމަށް އެ އިވެނީ ރައްޔިތުންގެ މަދުބަޔަކު ކިޔާ އަންބާއެއްގެ އަޑެވެ. ދެންތިބި ރައްޔިތުން އެތިބީ އެއްވެސް ލަވައެއް ކަމުނުގޮސް ފޫހިވެފައެވެ. ނޫނީ ރަނގަޅީ ކޮންލަވައެއްކަން ބުނަންވެސް ނޭނގިފައެވެ. އަނެއްބަޔަކު އެބުނަނީ "ދިގު 30 އަހަރު"ވެސް މާރަނގަޅު ކަމުގައެވެ. ދޮގެއްވާ ނޫނެވެ! ވެރިކަން ލިބިއްޖެނަމަ ގައުމު ހީވަނީ މާވަޑިޔާ ހިތަކަށް ލިބިފައި އޮންނަ ލަކުޑިގަނޑެއްހެނެވެ. ހަޒާނާ އަތުޖެހިއްޖެނަމަ ދެން ބަލާލާއިރު ހަޒާނާ ހުރިތަނުގައި ހުސް ވަޅުގަނޑެކެވެ. ބޮޑުމީހާއަށް ބޮޑު އިންސާފެވެ. ކުޑަ މީހާއަށް ކުޑަ އިންސާފެވެ. ދީނަކީ ފާޑެއްގެ ސިޔާސީ ހަތިޔާރެކެވެ. ގައުމިއްޔަތަށް، ގައުމަށް ބަލަނީ ކަނު ލޮލަކުންނެވެ. ރަށްރަށުގައި އޮތް އެކުވެރިކަން ގެއްލި ބައިބައި ވެއްޖެއެވެ. ޖެހިގެން ހުރި އިދިކޮޅު ޕާޓީއަށް ސަޕޯޓުކުރާ އަވައްޓެރިޔާގެ ގޭގައި ކައްކާ ރިހަތެލިން ސަރުކާރު ޕާޓީއަށް ތާއީދު ކުރާ އަވައްޓެރިޔާއަށް ރަހަ ދައްކާލަން ދިއްކޮށްލާ ރިހަ ބޯތަށި އައުން ހުއްޓިއްޖެއެވެ. ރަށްރަށުގައި ކަނބަލުން އެކީ ނުކުމެ ރަށުތެރެ ކުނިކަހާލުން މާޒީވެއްޖެއެވެ. ފާރުތައް ޕާޓީކުލަތަކުން ޖަރީކޮށް، ޕާޓީ ބޮޑުމީހާގެ ފޮޓޯއިން ފަވާލައިފިއެވެ. ގައުމީ ދިދައަށް ދިން ގަދަރާއި އިހުތިރާމް ޕާޓީ ދިދައަށް ދެވިއްޖެއެވެ. ހިތާމަ ނޫންތޯއެވެ!
ޕާޓީތައް ވުޖޫދަށް އައީއްސުރެ މިހާތަނަށް ކުދި ޕާޓީތައް ބައިވެރިވެގެން ބޮޑު 4 ޕާޓީއަކުން ވެރިކަން ކޮށްފިއެވެ. ބައެއް ބޮޑެތި ޕާޓީތައް ކުދި ޕާޓީތަކަށްވެ އުވިއްޖެއެވެ. ބައެއް ކުދި ޕާޓީތައް ބޮޑު ޕާޓީ "ކައިގެން" ބޮޑުސިންގާ ޕާޓީއަކަށް ކުއްލިއަކަށް ވެއްޖެއެވެ. އާއިލާތައް ރޫޅި، ގާތް ރައްޓެހިންނާ ސިޔާސީ މިތުރުން މިކަމަކާހުރެ މޫނު ކެނޑިއްޖެއެވެ. މިހުރިހާ ސަކަރާތަކުން ލިބޭ އެންމެ ބޮޑު ހިތްދަތިކަމަކީ މާބޮޑު ތަފާތެއް، ރަނގަޅެއް ފެންނާކަށް އަމުދުން ނެތުމެވެ. އިޖްތިމާއީ ފޭރާން އިތުރަށް ވީދުމާ، ބައިބައިވުމާ، ދެޕާޓީ ދައުރަކުން ދައުރަކުން ބަހާލައިގެން ދައުލަތުގެ ހަޒާނާ ހުސްކޮށްލުން މިއީ ކަންހިނގާ ބީދައެވެ. ވައިއަޑުން ނަމަވެސް ކުރީގަ މާ ރަނގަޅޭ އެބުނެވެނީ މިހެންވެއެވެ.
ޕާޓީ ނިޒާމަކީ އޭގެ ޒާތުގައި ގޯސް އެއްޗެކޭ ބުނަނީއެއްނޫނެވެ. ޕާޓީތަކާއި އެކު ރަނގަޅު ކަންކަންވެސް ފެނެއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. ނަމުން ނަމަވެސް މިނިވަން މުއައްސަސާތަކެވެ. ވާދަވެރި ސިޔާސީ މާހައުލެކެވެ. ސިޔާސީވެރިން މަދުންނަމަވެސް ބަދިގެތަކަށް ބޯދިއްކުރަން އެބަޖެހެއެވެ. ވެރިކަމުގެ ބާރުތައް ލާމަރުކަޒުވެ، ރަށު ކަތީބުގެ ބަދަލުގައި ކައުންސިލެއް ލިބިއްޖެއެވެ. މިއުސޫލުން ޕާޓީ ސިސްޓަމް ރަނގަޅަށް ހިންގާ ގައުމުތައް ގިނައެވެ. ނަމަވެސް މި ހުރިހާ ގައުމަކުން ގިނަފަހަރަށް ފެންނަ މިސާލަކީ ގައުމު ދެބައިވާ ތަނެވެ. އިނގިރޭސި ވިލާތުގައި ލޭބަރ ޕާޓީއާއި ކޮންޒަވޭޓިވް ޕާޓީއެވެ. އެމެރިކާގައި ޑިމޮކްރޭޓުންނާއި ރިޕަބްލިކަނުންނެވެ. އިންޑިޔާގައި ބީޖޭޕީއާއި ކޮންގްރެސް ޕާޓީއެވެ. އަޅުގަނޑު ހިތުން ދިވެހިން މިއަދު މިކަމާ އަލުން ވިސްނާލަން އެބަޖެހެއެވެ. އަޅުގަނޑުމެންނަށް އެންމެ ރަނގަޅީ މިގޮތްތޯ ފިކުރު ހިންގާން އެބަޖެހެއެވެ. މިނިޒާމުން އަޅުގަނޑުމެންނަށް ހާސިލު ކުރެވުނީ ކިހާމިންވަރެއްތޯ ވަޒަންކޮށް ސައްލާ ކުރެވެން އެބަޖެހެއެވެ.