ހިތަދޫ ބޭރުމަތި ދާއިރާ އަންހެން ގޮނޑިއަކަށް ކަނޑައެޅުމުން ރައްޔިތުންގެ ކަންބޮޑުވުން

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

އައްޑޫ ސިޓީގެ ހިތަދޫ ބޭރުމަތި ދާއިރާ، ދެވަނަ ފަހަރަށް ވެސް އަންހެން ކައުންސިލަރަކަށް ޚާއްސަ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމާ ގުޅިގެން، ލާމަރުކަޒީ ގާނޫނުގެ ރޫހާ ޚިލާފުވެ، އެ ދާއިރާގެ ފިރިހެނުންނަށް އިންތިޚާބަށް ކުރިމަތިލުމުގެ ހައްގު ގެއްލިގެންދާ ކަމަށް ބުނެ، ބައެއް ރައްޔިތުން ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުން އެބަދެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސިޓީތަކުން އަންހެން ކައުންސިލަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅާފައެވެ. އެ އިއުލާނުގައިވާ ގޮތުން، އައްޑޫ ސިޓީ ކައުންސިލުން އަންހެން ކައުންސިލަރުން އިންތިޚާބުކުރަންޖެހޭ ހަތަރު ދާއިރާއަކީ: ހިތަދޫ މާމެންދޫ ދާއިރާ، ހިތަދޫ ބޭރުމަތި ދާއިރާ، މަރަދޫ ދާއިރާ، އަދި ފޭދޫ މަގުއްދޫ ދާއިރާއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދަށް ފޮނުވުމަށް ތައްޔާރުކުރި ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހިތަދޫގެ ހަ ދާއިރާގެ ތެރެއިން އަންހެނުންނަށް ދެ ދާއިރާއެއް ޚާއްސަ ކުރަންޖެހޭއިރު، ހިތަދޫ ބޭރުމަތި ދާއިރާ އަނެއްކާވެސް އަންހެނުންނަށް ޚާއްސަ ގޮނޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމީ ކަންބޮޑުވުން އުފެދޭ ކަމެކެވެ. އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ހަ ދާއިރާގެ ތެރެއިން ދައުރުވާ އުސޫލަކުން ކޮންމެ އިންތިޚާބެއްގައި ދެ ގޮނޑި ޚާއްސަކުރުމުން، ތިން ދައުރެއްގެ ތެރޭގައި ހުރިހާ ދާއިރާއެއް ހަމަހަމަވާނެކަން ބުއްދީގެ ގޮތުން ވެސް އެނގޭ ކަމަށެވެ.

މި ނިންމުމަކީ ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގެ ރޫހާ ޚިލާފު ކަމެއް ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބުގައި އަންހެން ކައުންސިލަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެންނެވެ. އަދި އޭގެ ފަހުން ބާއްވާ އިންތިޚާބުތަކުގައި، އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އެހެންކަމުން، ހިތަދޫ ބޭރުމަތި ދާއިރާ ދެވަނަ ފަހަރަށް ޚާއްސަ ކުރުމަކީ އެ މާއްދާގެ މަގްސަދާ ހިލާފު ކަމެއް ކަމަށް ރައްޔިތުން ދެކެއެވެ. މި ސިޓީއާއެކު ޕެޓިޝަނެއް ވެސް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.