ކުރީގެ ރައީސް މުހައްމަދު ނަޝީދު----

ރަށު ބަންދުން ވީއްލެން ޖެހޭ، އެކަމަކު ކޮންމެ ރަށެއްގައި އެއާޕޯޓު އެޅުމަކީ ގޯހެއް: ނަޝީދު

މޫސާ ޢަލީ
 
8 ގަޑިއިރު ކުރިން

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވެންޖެހޭނެ ކަމަށާއި ނަމަވެސް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މ. މުލީގައި މިއަދު އެއާޕޯޓެއް ހުޅުވިފަހުން، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން ރަށު ބަންދުން ފިލުވަންޖެހޭ ކަމަށެވެ.

"ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީި ކޮންމެހެން ބޭނުންތެރި ކަމެއް. އެހެނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މިހާރު އެއާޕޯޓު އަޅަން ނިންމާފައިވާ ބައެއް ރަށްރަށުގައި އެއާޕޯޓު އެޅުން ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވެފައެވެ. 

"ކުޅުދުއްފުށީ އެއާޕޯޓަކީ ވެސް ވަރަށް ދެރަކޮށް ކުރެވިފައިވާ ކަމެއް. އަދި ތިނަދޫގައި އެއާޕޯޓެއް އެޅުން ވެސް ވާނީ ގޯހަކަށް. ފައިނުގައި ވެސް އެއާޕޯޓު އެޅުން ރަނގަޅެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ހުޅުލޭގައި ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމަނައިގެން ރާއްޖޭގައި މިހާރު 18 އެއާޕޯޓެއް އޮޕަރޭޓްކުރެއެވެ.