އެމަނިކުފާނު މިފަދައިން ވިދާޅުވީ މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް އެރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މުލީގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އެގޮތުން ސަރުކާރުން 57 ރަށުގައި ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން މުލީގައި 300 ހައުސިންގ ޔުނިޓް އަޅުއްވާނެ ކަމަށާއި، އެ މަޝްރޫޢު ވެގެންދާނީ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖެހިގެންދާނެ މަޝްރޫޢަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުލީގެ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ފައްޓަވާނެ ކަމަށެވެ. އަދި އެރަށުގެ ރީޖަނަލް ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތްވެސް ފަށަން ތައްޔާރުވެފައިވާ ކަމަށާއި، ހޮސްޕިޓަލުގެ ޚިދުމަތްތައް ވެސް އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޑަޔަލިސިސް ޚިދުމަތާއި އެފަދަ ކަންކަމަށް މުވައްޒަފުން ހޯދުމަށް ސަރުކާރުން އިސްކަންދޭކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނާލާފުއްޓާއި މުލި ގުޅުވާލުމުގެ މަޝްރޫޢުގެ މަސައްކަތް މުއްދަތަށް ވުރެ ކުރިން ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދެ ރަށް އެއްފަސް ކުރެވުމުން ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނާލާފުއްޓާއި މުލި ގުޅުވާލުމަކީ އެމަނިކުފާނުގެ ވައުދެއްކަން ފާހަގަކޮށްލެވެއެވެ. ނާލާފުށީގެ ބިން ހިއްކައި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.