މާލެއަށް ކުރި ވިއްސާރައެއްގައި މަގުމަތީގައި ފެންބޮޑުވެފައި. / ފޮޓޯ: ސަން

މިއަދުވެސް މޫސުން ގޯސް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ

މަރިޔަމް ސަމްހާ
 
11 ގަޑިއިރު ކުރިން

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓުން ބުނީ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެހެން ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

މެޓުން ވަނީ ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ. މިއަދު 6:30 އިން 11:30 އަށް ނެރުނު އެ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަަށް މެޓުން ބުންޏެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4 - 7 ފޫޓު ހުންނާނެ ކަމަށް މެޓުން ބުންޏެވެ.

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ތޮއްޑޫއަށެވެ. އެގޮތުން އެރަށަށް 50.7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.