މުލީ އެއާޕޯޓް ވެގެންދާނީ ގިނަ ދާއިރާތަކަކުން ކުރިއެރުން ހޯދުމުގެ ދޮރާއްޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ އެއާޕޯޓުން މުލީގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެގޮތުން އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން ގެނައުމުގައި އެއާޕޯޓު މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި އޭގެ ތެރޭގައި ހަމަ ޔަގީނުންވެސް ފަތުރުވެރިކަމުގެ ދާއިރާއަކީ މުހިންމު ދައުރެއް އަދާކުރާނެ ދާއިރާއަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުލީގެ ފަތުރުވެރިކަމަށް އެ ރަށުގެ ފަޅުތެރެއިން އިންވެސްޓްމެންޓް ފުރުޞަތުތައް ހޯދައިދެއްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަށް އެންމެ މުހިންމީ އެއާޕޯޓު ކަމަށާއި، ފަތުރުވެރިކަމުގެ ވުޒާރާއިން ރައްޔިތުން އެދޭގޮތަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އަތޮޅުގެ ތަރައްޤީއަށްވެސް ކުރިއަށް އޮތް ތަނުގައި ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުލީ އެއާޕޯޓު ހިންގަމުން އަންނަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ. އެ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ މަހު 25 ގައެވެ.
މުލީ އެއާޕޯޓު މަޝްރޫޢަކީ 2021 ވަނަ އަހަރުގެ ފެބްރުވަރީ 28 ގައި 221.7 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. އޭގެ ފަހުންވެސް ކުރި ޚަރަދުތަކާއެކު އެއާޕޯޓު މަޝްރޫޢަށް ޖުމްލަ 540 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެ މަޝްރޫޢުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކައި، 1812 މީޓަރު ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން، ފަސިންޖަރުންގެ ޓާމިނަލާއެކު 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދާފައެވެ.
މޯލްޑިވިއަން އިން މިހާރު މުއްޔަށް ދަތުރުތައް ފަށާފައިވާއިރު، ފްލައިޓް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކު ކަމަށް އެ އެއާލައިނުން ބުންޏެވެ.
މުއްޔާއި މާލެއާއި ދެމެދު މިވަގުތު އެއްކޮޅު ޓިކެޓެއްގެ އަގަކީ 999 ރުފިޔާއެވެ. މޯލްޑިވިއަން އިން ބުނީ ތަރުހީބު ލިބޭ ވަރަކަށް ދަތުރުތައް އިތުރުކުރާނެ ކަމަށެވެ.