މ. މުލި އެއާޕޯޓު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
އެ އެއާޕޯޓު ހުޅުއްވައިދެއްވީ މުލީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެ ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މުލީ އެއާޕޯޓު ހިންގަމުން އަންނަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ. އެ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ މަހު 25 ގައެވެ.
މުލީ އެއާޕޯޓު މަޝްރޫޢަކީ 2021 ވަނަ އަހަރުގެ ފެބްރުވަރީ 28 ގައި 221.7 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. އޭގެ ފަހުންވެސް ކުރި ޚަރަދުތަކާއެކު އެއާޕޯޓު މަޝްރޫޢަށް ޖުމްލަ 540 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެ މަޝްރޫޢުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކައި، 1812 މީޓަރު ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން، ފަސިންޖަރުންގެ ޓާމިނަލާއެކު 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދާފައެވެ.
އެ އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރާ މޯލްޑިވިއަން އާއި ވިލާ އަދި މަންތާ އެއާލައިނަށް ފުރުޞަތު ހުޅުވާލާފައިވާކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.
މޯލްޑިވިއަން އިން މިހާރު މުއްޔަށް ދަތުރުތައް ފަށާފައިވާއިރު، ފްލައިޓް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކު ކަމަށް އެ އެއާލައިނުން ބުންޏެވެ.
މުއްޔާއި މާލެއާއި ދެމެދު މިވަގުތު އެއްކޮޅު ޓިކެޓެއްގެ އަގަކީ 999 ރުފިޔާއެވެ. މޯލްޑިވިއަން އިން ބުނީ ތަރުހީބު ލިބޭ ވަރަކަށް ދަތުރުތައް އިތުރުކުރާނެ ކަމަށެވެ.