ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ކުރިން ދިވެހި ވަފުދާ އިންޑިއާގެ އެން.އެސް.އޭއާ ބައްދަލުކުރައްވައިފި

އާއިޝަތު އަނާ ރަޝީދު
 
14 ގަޑިއިރު ކުރިން

ކޮލަންބޯ ސެކިއުރިޓީ ކޮންކްލޭވް (ސީ.އެސް.ސީ) ގެ 7 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި ބައްދަލުވުމުގެ ކުރިން އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ (އެން.އެސް.އޭ) ވަނީ ދިވެހިރާއްޖޭގެ ވަފުދާ ވަކިން ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު ނިއުދިއްލީގެ ސުޝްމާ ސުވާރާޖް ބަވަންގައި ކުރިއަށްދިޔަ މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، އަޖިތު ދޯވަލް ކޭ.ސީ އެވެ. މި ކޮންކްލޭވްގެ މެންބަރު ޤައުމުތައް ކަމަށްވާ ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ އިތުރުން، ކުރީގެ އޮބްޒަރވަރ ޤައުމުތައް ކަމުގައިވާ ބަންގްލަދޭޝް އަދި ސީޝެލްސް އިން ވަނީ، މެންބަރު ޤައުމުތަކުގެ ގޮތުގައި މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، މެހެމާނެއްގެ ގޮތުގައި މެލޭޝިއާއިން ވެސް ވަނީ، މި ބައްދަލުވުމުގައި، ބައިވެރިވެފައެވެ.

ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ޑެޕިއުޓީ ކޮމިޝަނަރ (ރިޓަޔަރޑް) އަދި ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ލަޠީފެވެ. މި ވަފުދުގައި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤާއި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢާއިޝަތު އަޒީމާވެސް ހިމެނިވަޑައިގަތެވެ.

ކޮލަންބޯ ސެކިއުރިޓީ ކޮންކްލޭވްގެ މައިގަނޑު މަޤްޞަދަކީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެންބަރު ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ގުޅިގެން ޙައްލު ހޯދުމެވެ. މިގޮތުން، މެންބަރު ޤައުމުތަކުން އެއްބާރުލުން ދިނުމަށް މައިގަނޑު 5 ރުކުނެއް ކަނޑައަޅާފައިވެއެވެ. އެއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން، ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް މަސައްކަތް ކުރުން، ވަގުފާރި އަދި ޤައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުން، ސައިބަރ ސެކިއުރިޓީ އާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުން އަދި އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ކާރިސާތަކާ ގުޅިގެން އެހީތެރިވެދިނުމެވެ.

މި ބައްދަލުވުމުގެ ކުރިން އިންޑިއާގެ އެން.އެސް.އޭ އާއި ދިވެހި ވަފުދާ ބައްދަލުކުރެއްވުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ހާމަކޮށްދޭ ކަމެކެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެވުނުއިރު، ސަރަހައްދީ ސަލާމަތް ކަށަވަރުކުރުމުގައި ދެ ޤައުމުން ގުޅިގެން ކުރިއަށްދާނެކަން ވަނީ ހާމަވެފައެވެ.