މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފަ އެވެ. މި ފުރުސަތުތައް ފަހިކޮށްދިނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ދޮރުތައް ހުޅުވާލުމަށް އެ ކުންފުނިން ފެށި ހާއްސަ ޕްރޮގްރާމެއް ކަމަށްވާ "ފަހި ޕްރޮގުރާމް - އެކުއެކީ، ގުޅިގެން"ގެ ދަށުންނެވެ.
މިކަމާ ގުޅިގެން އެމްޕީއެލްގެ މައި އޮފީހުގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި، މި 40 މީހުންނަށް ވަޒީފާ ހަމަޖެހުނު ކަމުގެ ލިޔުންތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
އެމްޕީއެލްއިން ހާމަކުރެއްވި ގޮތުގައި، މި ފަރާތްތަކަށް ފުރަތަމަ ވަޒީފާ ދީފައިވަނީ ކޮންޓްރެކްޓް އުސޫލުން ނަމަވެސް، އެ މީހުންގެ ހުނަރާއި ގާބިލިއްޔަތު ހުރި ދާއިރާތައް ދެނެގަނެ، ކުރިއަށް އޮތްތަނުގައި ދާއިމީ ވަޒީފާގެ އޮނިގަނޑުގެ ތެރެއިން މި ފަރާތްތަކަށް މަސައްކަތުގެ ފުރުސަތު ދިނުމަށް ވަނީ ރޭވިފަ އެވެ.
މިއަދު ވަޒީފާ ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށި ޕޯޓުން ދެ މީހަކާއި، ސ. ހިތަދޫ ޕޯޓުން ތިން މީހަކާއި، މާލެއިން 35 މީހެކެވެ.
މީގެ އިތުރުން، އެމްޕީއެލްއިން ވަޒީފާ ދިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ލެވެލް 3 ގެ ސެޓްފިކެޓް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި މިހާރު ވެސް އެ ކުންފުނީގެ ދާއިމީ ވަޒީފާގައި ތިބި ނުކުޅެދުންތެރިކަން ހުރި 32 މީހަކަށް ވެސް މި ފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެމްޕީއެލްގެ ވެބްސައިޓް ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް އެކްސެސިބިލިޓީ ފީޗާއެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މި ފީޗާ އިފްތިތާހުކޮށްދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
މި ފީޗާއަކީ ލޮލަށް ނުފެންނަ މީހުންނަށް ޚާއްސަކޮށް، އެމްޕީއެލްގެ ވެބްސައިޓުން މައުލޫމާތު ހޯދުމަށް މަގުފަހިކޮށްދޭނެ ވަސީލަތެކެވެ. މިއީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ޓެސްޓުކުރެވިފައިވާ ފީޗާއެކެވެ. އެމްޕީއެލްގެ މަގުސަދަކީ، އެންމެން ހިމެނޭ އިންކްލޫސިވް މުޖުތަމަޢެއް ބިނާކުރުމަށް އެ ކުންފުނިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.