މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު 2 ސިނގިރޭޓު ކޮންޓޭނަރގެ މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި މައްސަލަ ފާހަގަވީ 8 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަ އެވެ. އަދި މައްސަލަ ފާހަގަވި ވަގުތުން ފެށިގެން އެ ކުންފުނިން އެތެރޭގެ ތަހުގީގެއް ފަށާފައިވާކަމަށް އެމްޕީއެލްއިން ބުނެ އެވެ. މި ތަހުގީގާ ގުޅިގެން 12 އޮކްޓޯބަރުގައި 5 މުވައްޒަފުންނާއި 15 އޮކްޓޯބަރުގައި އިތުރު މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި 12 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ. ދެން ހައްޔަރުކޮށްފައިވަނީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އާއި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކުން ދަނި މި މައްސަލަ ސީރިއަސް މައްސަލައެއްގޮތަށް ތަހުގީގު ކުރަމުންނެވެ.