މާލޭ ނޯތު ހާބަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ސަރަހައްދުން ތެލާއި އައިސް ލުއިފަސޭހަ ގޮތަކަށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.
މިހާރު މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު، މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހިމެނޭހެން ބަލަހައްޓަމުންދަނީ އެމްޕީއެލްއިންނެވެ. މި ސަރަހައްދު އެމްޕީއެލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. މާލޭ ނޯތު ހާބަރު ސަރަހައްދު ބޮޑުކުރުމާއެކު، އެމްޕީއެލްއިން ދަނީ އަލަށް އިތުރުވި ސަރަހައްދަށް ގެންނަންޖެހޭ ބަދަލުތަކާއި ޚިދުމަތްތައް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު ހަމްދުﷲ ރަޝީދު ވިދާޅުވީ، މަސްވެރިންނަށް އަގުހެޔޮ ގޮތެއްގައި އައިސް ފޯރުކޮށްދެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް އެމްޕީއެލްއިން ނިންމާފައިވާ ކަމަށެވެ. އެގޮތުން، އައިސް ޕްލާންޓެއް ނުވަތަ އައިސް ލިބޭނެ ގޮތް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތެލުގެ ޚިދުމަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ހަމްދުﷲ ވިދާޅުވީ، އެ ސަރަހައްދަށް މަހަކު މަސްވެރިކަން ނުކުރާ ގާތްގަނޑަކަށް 125 އުޅަނދު ދަތުރުކުރާ ކަމަށާއި، އެ ބޭފުޅުންނަށް ތެލުގެ ޚިދުމަތް ބޭނުންވާތީ، ވިޔަފާރީގެ އުސޫލަކަށް ވުރެ ބޮޑަށް، އެންމެ މިނިމަމް ރޭޓެއްގައި އެ ޚިދުމަތް ދިނުމަށް މިހާރު ރާވަމުންދާ ކަމަށެވެ.
އެމްޕީއެލްއިން ވަނީ އެ ސަރަހައްދު ތަރައްޤީކޮށް، ވަކި އިންތިޒާމުތަކެއްގެ ތެރެއިން އަންނަ މަހުން ފެށިގެން ޚިދުމަތްދޭން ފަށާނެ ކަމަށް ވެސް ވިދާޅުވެފައެވެ. މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާ ކަމަށް ވެސް އެމްޕީއެލްއިން މައުލޫމާތު ދެއްވިއެވެ.