މާލޭގެ ގޭގޭގެ ނަންބޯޑު ހަރުކުރުމަށް އަންގައިފި

އާއިޝަތު އަނާ ރަޝީދު
 
21 ދުވަސް ކުރިން

‎މާލޭގެ ގޭގެ ނަން ބޯޑް ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

‎ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލްގެ ފަރާތުން ރަސްމީ ބޭނުންތަކުގައި މާލެ އާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތް ކުރާއިރު، ބައެއް ގެތަކުގައި މިހާރަކަށް އައިސް އާއްމުކޮށް ފެންނަ ގޮތަށް ގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

‎އެހެންވެ، ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތް ކުރާއިރު، ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ހިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އިއުލާނުގައި ބުންޏެވެ.

‎އެކަން ހައްލު ކުރުމަށް ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަ ގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބަހައްޓަން ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ