މާލެ ސިޓީގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުންނަ ސައިކަލުތަކާއި ޕިކަޕް ފަދަ އުޅަނދުތައް ނެގުމުގެ މަސައްކަތެއް ފުލުހުން ފަށާއިފިއެވެ.
މިއަދު ފުލުހުން ހާމަކުރި ގޮތުގައި، އާންމުންނަށް ދަތިވާ ގޮތަށް މަގުތަކުގައި ދޫކޮށްލާފައި ހުންނަ މިފަދަ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާބެހޭ މިނިސްޓްރީ ގުޅިގެންނެވެ. މި މަސައްކަތުގެ ދަށުން ސައިކަލުތަކުގެ އިތުރުން ޕިކަޕް ފަދަ އެހެނިހެން އުޅަނދުތައްވެސް ވަނީ ނަގަން ފަށާފައެވެ.
އެހެންނަމަވެސް މިހާތަނަށް ނެގިފައިވާ އުޅަނދުތަކުގެ ޖުމްލަ އަދަދެއް ފުލުހުން ވަނީ ހާމަކޮށްފައެއް ނުވެއެވެ.
މާލޭގެ މަގުތަކުގައި ގިނަދުވަސްވެފައި ހުންނަ އުޅަނދުތައް ނެގުމުގެ މިފަދަ މަސައްކަތްތައް މީގެ ކުރިންވެސް ވަނީ ކޮށްފައެވެ. އަދި އެގޮތުން ނަގާފައިވާ ބައެއް އުޅަނދުތައް ނައްތާލުމުގެ މަސައްކަތްވެސް ވަނީ ކުރެވިފައެވެ.