ވަގަށް ރާއްޖެ އެތެރެކުރުމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހު ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓު އެމްޕީއެލްގެ ހުޅުމާލެ ބަނދަރުން ވަގަށް ނެރެވުނު މައްސަލައިގައި، ވިޔަފާރިވެރިޔާ އަހުމަދު އާރިފް ވެސް ހިމެނޭ ގޮތަށް ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މިއީ ވިޔަފާރި ބަނދަރުގައި ހިންގި އެންމެ ބޮޑު ވައްކަމުގެ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ.
މި ދެ ކޮންޓެއިނަރުގައި ޖުމްލަ 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ހިމެނޭއިރު، މީގެ ޑިއުޓީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިއަދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި ފަސް މީހުންނަކީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް، މުއާޒު އަލީ، ޒިވާރު އިސްމާއިލް، އަހުމަދު ފިރުޝާން އަދި އާދަމް ވަހީދެވެ. މީގެ ކުރިން އެޕޯލޯގެ ހިއްސާދާރު މުހައްމަދު ވަހީދު (ދިގަލި) ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި އެޕޯލޯ ކުންފުނީގެ ހިއްސާދާރުންނާއި، ލޮޓަސްގެ ވެރިޔާ، ކަސްޓަމްސްގެ އިސް ވެރިން، މިފްކޯގެ ޖެނެރަލް މެނޭޖަރު (ކަސްޓަމްސްގެ ކުރީގެ މުވައްޒަފެއް)، އަދި އެމްޕީއެލްގެ ތިން މުވައްޒަފުން ހިމެނެއެވެ. ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ބޭރުކުރި ދޯނީގެ ކައްޕި ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.
ކަސްޓަމްސްއިން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، 40 ފޫޓުގެ ދެ ކޮންޓެއިނަރުން ފެނުނު 13.6 މިލިއަން ސިނގިރޭޓުގެ ޑިއުޓީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ. ސަރުކާރުން މިދިޔަ އަހަރު ފަހުކޮޅު ސިނގިރޭޓުގެ އަގު ބޮޑުކުރުމާ ގުޅިގެން، ރާއްޖެއަށް ވަގަށް އެތެރެކުރާ އެކި ބްރޭންޑްތަކުގެ ސިނގިރޭޓު ވިއްކުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.