ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވަނީ، ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދަނީ ސިޔާސީ ގޮތުން ދުރާލައި ރާވައިގެން ކަމަށާއި، މިއީ އަދުލު އިންސާފުގެ ނިޒާމުގެ ކޮންޓްރޯލް ސަރުކާރަށް ނެގުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ހުސްނުއްސުއޫދު މިފަދައިން ވިދާޅުވެފައި މިވަނީ، ހައިކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.
އޭނާ އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަރުއީ ދާއިރާގައި ހިނގަމުންދާ ކަންކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސުއޫދު ވިދާޅުވީ ފުރަތަމަ ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމަށް ފަހު، ރައީސަށް ވަފާތެރި، ޝަރުތު ހަމަނުވާ ބޭފުޅުން އެ މަގާމަށް އައްޔަންކުރި ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ހައިކޯޓުގެ އެންމެ ގާބިލު ފަސް ފަނޑިޔާރަކާއި ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ސުއޫދު ވިދާޅުވީ، "މި ކަންތައްތަކުން ދައްކުވައިދެނީ، އަދުލު އިންސާފުގެ ނިޒާމުގެ މައްޗަށް ބާރު ފޯރުވައި، އެ ނިޒާމު ކޮންޓްރޯލް ކުރުމަށް ރާވައިގެން ހިންގާ އިންތިޒާމުތަކެއް ކަމެވެ. އަޅުގަނޑުމެންގެ މުއައްސަސާތަކަށް މިއަށްވުރެ ރަނގަޅު ގޮތްތަކެއް ހައްގު،" އެވެ.
ޖޭއެސްސީގައި މި ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ، އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ބަހަނާއެއް ހޯދުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވިއެވެ. ނަމަވެސް އެއީ އެއްވެސް އަސާސެއް ނެތް، ސިޔާސީ ގޮތުން ބަލާ މައްސަލަތަކެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި މި މައްސަލަތަކަކީ، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމުގެ ތެރޭގައި ތިބި މިނިވަން އަޑުތައް ނައްތާލުމަށް ކުރާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މި ސަރުކާރު ވެރިކަމަށް އައި ފަހުން، ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ކުއްލި ގޮތަކަށް ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖޭއެސްސީއަށް ފޮނުވި ސިޓީއަކާ ގުޅިގެން ސަސްޕެންޑް ކުރި ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި، މަހާޒް އަލީ ހާޒިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. އޭގެ ތެރެއިން ސުއޫދު ވަނީ ސަސްޕެންޑް ކުރިތާ މާ ގިނަ ދުވަހެއް ނުވެ އިސްތިއުފާ ދެއްވާފައެވެ. މަހާޒާއި އަޒްމިރަލްދާ ވަކިކުރީ، ކުރި ތުހުމަތަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ވެސް ނުދީ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވިއެވެ.
ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ކުއްލި ގޮތަކަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި ބަލަމުންދަނިކޮށެވެ. ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ، ދުސްތޫރީ މައްސަލައިގެ އަމުރެއް ނެރުމަށް އަޑުއެހުން ތާވަލުކޮށް، ބެންޗަށް އަރަން ފަނޑިޔާރުން ތައްޔާރުވަމުން ދަނިކޮށެވެ. މި ކަމާ ގުޅިގެން ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވަނީ ބޮޑުވެފައެވެ.