ސުޕްރީމް ކޯޓުގެ ބެންޗަށް ކުއްލި ބަދަލުތަކެއް ގެނައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން މިހާރު ދަނީ ތަޙްޤީޤު ކުރަމުންނެވެ.
ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަމުން އަންނަނީ ހައިކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން، މި ހަފްތާގައި އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުން އިސްތިއުފާ ދެއްވި މުޙައްމަދު ފައިސަލްއާއި، ޖޭއެސްސީގައި ހައިކޯޓު ތަމްސީލު ކުރައްވާ މުޙައްމަދު ނިޔާޒްއާއި، ޙުސައިން މަޒީދުގެ އިތުރުން، ހައިކޯޓުގެ ތިން އަންހެން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ކަމަށްވާ ފާތިމަތު ފަރުހީޒާ އާއި ދީބާނާޒް ފަހުމީގެ މައްސަލަތަކެވެ.
ފައިސަލްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމުގެ ރިޕޯޓުތައް ލިބިފައިވާއިރު، އޭނާ ވަނީ ކުއްލި ގޮތަކަށް އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުން އިސްތިއުފާ ދެއްވާފައެވެ. މާރިޗު މަހު ފައިސަލްއަށް އިސްފަނޑިޔާރުކަން ދިނުމަށް ޖޭއެސްސީން ނިންމި ނަމަވެސް، އަށް މަސް ދުވަސް ވީއިރުވެސް އޭނާގެ މަޤާމުގެ ފަތްކޮޅު ޙަވާލުކޮށްފައެއް ނުވެއެވެ. ހައިކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު، ނިޔާޒްގެ މައްސަލަތަކެއް ބަލަން ފަށާފައިވާއިރު، އޭނާ ވަނީ ސިއްޙީ ސަބަބުތަކާ ހުރެ ފަނޑިޔާރުކަމުން ވަކިވުމަށް އެދި ހުށަހަޅާފައެވެ. ފަނޑިޔާރު މަޒީދު، ފަރުހީޒާ، އަދި ދީބާނާޒްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށް ވިޔަސް، އެއާ ބެހޭ ތަފްޞީލެއް ލިބިފައެއް ނުވެއެވެ. މަޒީދަކީ 15 އަހަރަށްވުރެ ގިނަ ދުވަހު ފަނޑިޔާރުކަން ކުރައްވާފައިވާ ސީނިއާ ފަނޑިޔާރެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައި ފަހުން، ސަރުކާރުގެ މަޞްލަޙަތު ހިމެނޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، ކުއްލި ގޮތަކަށް ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރިއެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖޭއެސްސީއަށް ފޮނުވި ސިޓީއަކާ ގުޅިގެން ސަސްޕެންޑު ކުރި ޙުސްނުއްސުޢޫދާއި، މަހާޒް ޢަލީ ޙާޒިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. އޭގެ ތެރެއިން ސުޢޫދު ވަނީ ސަސްޕެންޑު ކުރިތާ މާ ގިނަ ދުވަހެއް ނުވެ އިސްތިއުފާ ދެއްވާފައެވެ. މަހާޒާއި އަޒްމިރަލްދާ ވަކިކުރީ، އެ ބޭފުޅުންގެ މައްޗަށް ކުރި ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ނުދީ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވިއެވެ.
ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރީ، ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ކުއްލިއަކަށް ގެނައި އިޞްލާޙު ބާޠިލު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި ބަލަމުން ދަނިކޮށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، އެ ދުސްތޫރީ މައްސަލައިގެ އަމުރެއް ނެރުމަށް އަޑުއެހުން ތާވަލުކޮށް، ފަނޑިޔާރުން ބެންޗަށް އަރަން ތައްޔާރުވަމުން ދަނިކޮށެވެ. މިކަމާ ގުޅިގެން، ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވަނީ ބޮޑުވެފައެވެ.