ހައިކޯޓު ހިންގުމުގެ ކަންކަން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާ ހަވާލު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ. ޖޭއެސްސީން މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފަ އެވެ.
މި ބަދަލު ގެނެސްފައި ވަނީ، ހައިކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ފައިސަލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފައިސަލް އިސްތިއުފާ ދެއްވިއިރު، އޭނާ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ނިންމާފައި އޮތް ނަމަވެސް، އެ މަގާމަށް އައްޔަން ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެ އެވެ.
ހައިކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް، އެ ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 3 ވަނަ ދުވަހު އެވެ.
ފަނޑިޔާރު ޖަމީލަކީ، ފަނޑިޔާރު ކަމުގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ 23 ސެޕްޓެމްބަރު 2003 އިން 31 ޖެނުއަރީ 2009 އާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދާކުރައްވާފަ އެވެ. އަދި އޭގެ ފަހުން 1 ފެބްރުއަރީ 2009 އިން 21 ފެބްރުއަރީ 2019 އާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަން ވެސް ވަނީ ކުރައްވާފަ އެވެ.