މުއައްސަސާތަކަށް އޮންނަ ޢާންމު އިތުބާރު އިތުރަށް ނާޒުކުވަމުންދާ މި ޒަމާނުގައި، ޤައުމުތައް ވަޒަންކުރެވެމުންދަނީ ހަމައެކަނި ފޮތްތަކުގައި ލިޔެވިފައިވާ ޤާނޫނުތަކަކުން ނޫނެވެ. އޭގެ ބަދަލުގައި ޤައުމުތައް ވަޒަންކުރެވެމުންދަނީ އެ ޤައުމެއްގެ ޢަދުލު އިންސާފުގެ ނިޒާމުގެ ތެދުވެރިކަމާއި، ހަރުދަނާކަމާއި، އަދި ހަމަހަމަކަމުގެ މައްޗަށް ބިނާކޮށެވެ.
ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއް ނަމަވެސް، ސްޓްރެޓެޖިކް މުހިންމުކަން ބޮޑު ޤައުމެކެވެ. މިފަދަ ޤައުމެއްގައި މިހާރު އުފެދޭ ސުވާލަކީ ހަމައެކަނި ޤާނޫނުތައް ވުޖޫދުގައި ހުރިތޯ ބެލުމެއް ނޫނެވެ. އޭގެ ބަދަލުގައި މިހާރު އުފެދޭ ސުވާލަކީ އެ ޤާނޫނުތައް ތަންފީޒުކުރެވެނީ މަޤާމަށް ނުވަތަ މުއްސަނދިކަމަށް ބެލުމެއްނެތި، ކޮންމެ ފަރުދަކަށް ވެސް އެއް ހަމައަކުންތޯއެވެ.
މި ނަޒަރިއްޔާގެ މައްޗަށް ބަލާއިރު، ފަހަކަށް އައިސް ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާއި ޤާނޫނު ތަންފީޒުކުރާ އޮނިގަނޑުގެ ތެރެއިން ފެންނަމުންދާ ކުރިއެރުންތަކުން ދައްކުވައިދެނީ މި ނިޒާމު ވަޢުދުތަކުން ޢަމަލީ މައިދާނަށް ނުކުންނަމުންދާކަމެވެ. އަދި މިއީ ޒިންމާދާރުކަމާއި ވަކިފަރާތަކަށް ނުޖެހޭ ޢަދުލު އިންސާފުގެ އައު ޒަމާނަކަށް ވަދެވެމުންދާކަމުގެ ނިޝާންތަކެކެވެ.
ފަހަކަށް އައިސް ޝަރުޢީ ދާއިރާއާއި ޖިނާއީ ތަޙުޤީޤުތަކުގައި ފާހަގަކުރެވޭ ޙަރަކާތްތަކުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމު، ވަރުގަދަ އަދި ހަމަހަމަ ޤާނޫނު ތަންފީޒުކުރުމަކަށް ކުރިމަތިލަމުންދާކަމެވެ. ފަހަކަށް އައިސް ފާހަގަކުރެވުނު ތިން ކަމަކަށް ބަލާއިރު، ޝަރުޢީ ތަޙުޤީޤެއްގެ ތެރެއިން ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއް ސަސްޕެންޑް ކުރެވުމާއި، ސިނގިރޭޓު ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރުންތަކާއި ބަންދުކުރުންތައް ކުރެވުމުގެ އިތުރުން އަދި ކުރީގެ ދައުލަތުގެ ޔުޓިލިޓީ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރަކު ކޮރަޕްޝަންގެ ކުށަށް ޙުކުމްކުރެވި ޖަލަށްލެވުން ހިމެނޭ މި ތިން ކަމުން އެކުގައި ދައްކުވައިދެނީ ފަނޑިޔާރުންނާއި އޮފިޝަލުން ޒިންމާދާރުކުރެވޭކަމާއި، މުއްސަނދިކަމާއި މަޤާމަށް ބަލައި ތަފާތުކުރުމެއް ނެތި ޖިނާއީ ތަޙުޤީޤުތައް ކުރިއަށްދާކަމާއި، އަދި ކޮރަޕްޝަންގެ ދަޢުވާތަކުން ޙަޤީޤީ ޙުކުމްތައް ކުރެވޭކަމެވެ. މި ޙަޤީޤީ ނަތީޖާތަކުން ދައްކުވައިދެނީ ވަކިވަކި ފަރުދުންނަށާއި ޢާންމު މަޞްލަޙަތަށް އިންސާފު ޤާއިމުކުރުމުގައި މިންކުރެވޭވަރުގެ ބަދަލެއް އަންނަމުންދާކަމެވެ.
2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ކްރިމިނަލް ކޯޓުން ވަރަށް މުހިންމު ފިޔަވަޅެއް އަޅައި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޙުސައިން ފައިޒު ރަޝާދު 60 ދުވަހަށް ސަސްޕެންޑް ކުރިއެވެ. މިއީ ތަޙުޤީޤެއް ކުރިއަށްދަނިކޮށް އެޅުނު ފިޔަވަޅެކެވެ. ރިޕޯޓުތަކުން ދައްކާގޮތުގައި މި ސަސްޕެންޝަން ގުޅިފައިވަނީ ދެ މުހިންމު މައްސަލައެއްގައި އޭނާ ރިމާންޑާއި ބެއިލްގެ ނިންމުންތައް ނިންމި ގޮތާ ގުޅިގެންނެވެ. މީގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވުނު މީހަކު ދޫކޮށްލުން ހިމެނެއެވެ. އަދި މި މައްސަލަ މިހާރު ވަނީ ރަސްމީ ތަޙުޤީޤެއްގެ ދަށުގައެވެ. ތަޙުޤީޤެއް ހިނގަމުންދަނިކޮށް މަސައްކަތްކުރަމުންދާ ޖިނާއީ ފަނޑިޔާރެއް ސަސްޕެންޑްކުރުމަކީ، ފަނޑިޔާރުންގެ ފަރާތުން އިޖުރާއީ ގޮތުން ހިނގާ ކަމަށް ތުހުމަތުކުރެވޭ އޮޅުންތައް ތަޙުޤީޤުކުރާނެކަން ޢަދުލު އިންސާފުގެ ނިޒާމުން ދޭ ސާފު މުއައްސަސާތީ ނިޝާނެކެވެ. މިއީ ކަންބޮޑުވުންތަކެއް އުފެދޭ ހިނދު، ފަނޑިޔާރުން ފަދަ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތައް ވެސް ޒިންމާދާރުކުރުވުމަށް މުއައްސަސާތަކުން ތައްޔާރަށް ތިބިކަން ދައްކުވައިދޭ ކަމެކެވެ.
ދާދިފަހުން ހިނގައިދިޔަ ސިނގިރޭޓު ވައްކަމުގެ މައްސަލައިގެ (މިލިއަނުން ގުނާ ސިނގިރޭޓު ހުރި ކޮންޓެއިނަރުތަކެއް ކަމަށް ރިޕޯޓުކުރެވިފައިވާ - ޢާންމުކޮށް މީޑިއާގައި ބަޔާންކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ / 13.6 މިލިއަން ސިނގިރޭޓުގެ މައްސަލަ) ތަޙުޤީޤުގެ ތެރެއިން ވަގުތުން ހައްޔަރުކުރުންތަކާއި ބަންދުކުރުންތައް ވަނީ ކުރެވިފައެވެ. މީގެ ތެރޭގައި ފާހަގަކޮށްލެވޭ ވިޔަފާރިވެރިންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅުންހުރި މުވައްޒަފުން ހިމެނެއެވެ. މީޑިއާ ކަވަރޭޖްތަކާއި ފުލުހުންގެ ބަންދު ނޯޓިސްތަކުން ދައްކާގޮތުގައި ބަންދުކުރުންތައް ތަންފީޒުކޮށްފައިވަނީ އިޖުތިމާޢީ ހުރިހާ ފަންތިއެއްގައި ތިބި މީހުންނަށެވެ. މީގެ ތެރޭގައި ސިޔާސީ ނުފޫޒު ވަރުގަދަ އަދި ރާއްޖޭގައި ނަން މަޝްހޫރު ވިޔަފާރިތައް ހިންގަމުންދާ ވިޔަފާރިވެރިންނާއި އެމްޕީއެލްގެ މުވައްޒަފުން ހިމެނެއެވެ. އަދި ބާރުތަކުން މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުތަކާއި ބަންދުގެ އަޑުއެހުންތަކުގެ ތެރެއިންނެވެ. މުއްސަނދިކަމާއި މަޤާމަށް ބެލުމެއްނެތި މީހުން ދަޢުވާގެ ކުރިމައްޗަށް ގެނެވިފައިވާކަމާއި، އަދި ރިޕޯޓުތަކުން ދައްކާގޮތުގައި ތުހުމަތުކުރެވޭ ބަނދަރުގެ މުވައްޒަފުން ސަސްޕެންޑްކުރެވިފައިވާކަމުން، މި މައްސަލައިގައި ޤާނޫނު ތަންފީޒުކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ޢާންމުކޮށް ފެންނަން ހުރި ގޮތުގައި ޚާއްޞަ އިމްތިޔާޒެއް ދިނުމެއް ނުވަތަ ސިޔާސީ ނުފޫޒެއް ނެތިކަން ދޭހަވެއެވެ. މި ނަމޫނާއިން ދޭހަވަނީ ޖިނާއީ ޢަދުލުގެ ނިޒާމުން މަތީ އަގުގެ، ސިޔާސީގޮތުން ޙައްސާސް ތަޙުޤީޤުތަކުގައި ވެސް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރަމުންދާކަމެވެ.
ފަހަކަށް އައިސް ކޯޓުތަކުން ނެރެފައިވާ ނަތީޖާތަކުން ދައްކުވައިދެނީ ކޮރަޕްޝަންގެ ދަޢުވާތަކުން މިހާރު ޙުކުމްތައް އިއްވި، މާނަހުރި އަދަބުތައް ދެވެމުންދާކަމެވެ. މީގެ ފާހަގަކޮށްލެވޭ މިސާލަކީ ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢީދު މުޙައްމަދުގެ މައްސަލައެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު، ޕްރޮކިއުމަންޓް/ކޮންޓްރެކްޓްތަކާ ގުޅޭ އޮޅުވާލުންތަކާ ގުޅިގެން ކޮރަޕްޝަންގެ ކުށަށް އޭނާ ކުށްވެރިވެ، ކްރިމިނަލް ކޯޓުން 4 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. މި ޙުކުމަކީ ފަހަކަށް އައިސް އައިސްފައިވާ އެތައް މުހިންމު ޙުކުމްތަކުގެ ތެރެއިން އެއް ޙުކުމްކަން ފާހަގަކުރެވެއެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ތަޙުޤީޤުތަކާއި ދަޢުވާތައް މިހާރު ހަމައެކަނި ބަހުގެ ޒީނަތްތެރިކަމުގައި ނުހުއްޓި، ޙަޤީޤީ ޙުކުމްތަކާ ހަމައަށް ވާޞިލުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.
ވަކިވަކި މައްސަލަތަކުގެ އިތުރުން، ރިޕޯޓުކުރުންތަކާއި މިނިވަން މޮނިޓަރިންގ ރިޕޯޓުތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ދިގު މުއްދަތަކަށް ދެމިގެންދިޔަ ކޮރަޕްޝަންގެ މައްސަލަތައް ކޯޓުތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ބައެއް މައްސަލަތަކުގައި މަތީ މަރުޙަލާގެ ކޯޓުތަކުން ވަނީ ދަށު ކޯޓުތަކުގެ ޙުކުމްތައް ދަމަހައްޓާފައެވެ. ބައިނަލްއަޤްވާމީ ޚުލާޞާތަކާއި ރާއްޖޭގެ ވޮޗްޑޮގް ޖަމްޢިއްޔާތަކުގެ ކަވަރޭޖްތަކުގައި ހަވާލާދީފައިވަނީ ދަޢުވާކުރުމާއި، ޝަރީޢަތާއި، އިސްތިއުނާފުގެ މަރުޙަލާތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ކޮރަޕްޝަންގެ ތަޙުޤީޤުތަކާއި ދަޢުވާތަކުގެ މައްޗަށެވެ. ފެނަކަގެ މައްސަލައިގައި އިއްވާފައިވާ ޙުކުމާއި އަދި މިހާރު ހިނގަމުންދާ ޖިނާއީ ތަޙުޤީޤުތަކާއެކު، މި ކަންކަމުން ދައްކުވައިދެނީ ފުޅާ ދާއިރާއެއްގައި ފެންނަމުންދާ ނަމޫނާއެކެވެ. އެއީ ދައުލަތުގެ ތަޙުޤީޤީ އަދި ދަޢުވާކުރާ ފަރާތްތަކުން ޙަރަކާތްތެރިކަމާއެކު ތުހުމަތުތައް ބަލަމުންދާކަމާއި، އަދި ފަނޑިޔާރުގެއިން ނަތީޖާ ނެރެވޭފަދަ ނިންމުންތައް ނިންމަމުންދާކަމެވެ.
* މި ހުރިހާ ޙަޤީޤަތްތަކެއް އެކުގައި ބަލާއިރު، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމު "ރަނގަޅު މިންވަރެއްގެ" ހަމަހަމަކަމަކާއި ހަރުދަނާކަމަކަށް ކުރިމަތިލަމުންދާކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ، ހެކިތަކުގެ މައްޗަށް ބިނާކޮށް ދެންނެވިދާނެއެވެ. އެގޮތުން ބަލާއިރު:
* އިމްތިޔާޒުގެ ބަދަލުގައި ޒިންމާދާރުކުރުވުން: ފަނޑިޔާރުންނާއި އިސް އޮފިޝަލުންނަކީ ތަޙުޤީޤުތަކަށް ޚާޟިޢުވާ ބައެކެވެ. އަދި އެކަށީގެންވާ ޙާލަތްތަކުގައި، އެފަރާތްތައް ސަސްޕެންޑްކުރެވި ނުވަތަ ދަޢުވާ އުފުލޭނެއެވެ.
* ބޮޑެތި މައްސަލަތަކުގައި ހަމަހަމަ ތަންފީޒުކުރުން: ބޮޑެތި، ސިޔާސީގޮތުން ޙައްސާސް ޖިނާއީ ތަޙުޤީޤުތައް (މިސާލަކަށް ސިނގިރޭޓު ވައްކަމުގެ މައްސަލަ) އިޖުތިމާޢީ ހުރިހާ ފަންތިއެއްގައި ވެސް ކުރިއަށް ގެންދެވެމުންދެއެވެ. މިގޮތުން ކުރެވޭ ހައްޔަރުކުރުންތަކާއި ބަންދުކުރުންތަކުގައި ޢާންމުކޮށް ފެންނަން ހުރި ގޮތުގައި ޚާއްޞަ އިމްތިޔާޒެއް ދީފައިވާކަމެއް ނުފެނެއެވެ.
* ކޮރަޕްޝަނާ ދެކޮޅަށް ޙަޤީޤީ ނަތީޖާތައް: އިސް އޮފިޝަލުންނަށް (މިސާލަކަށް ފެނަކަގެ ކުރީގެ އެމްޑީ) އިއްވާފައިވާ ޙުކުމްތަކާއި ޖަލު އަދަބުތަކުން ދައްކުވައިދެނީ ކޮރަޕްޝަންގެ ދަޢުވާތަކުންަކުން އަދަބުތައް ލިބެމުންދާކަމެވެ.
މި ކުރިއެރުންތަކުން ވަރުގަދަކޮށްދެނީ ދައުލަތުގެ މުއައްސަސާތަކުން ޤާނޫނު އެއްހަމައަކުން ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާކަމާއި، އަދި އެއްވެސް މީހަކު ޒިންމާދާރުކުރުވުމުގެ މައްޗަށް ނެތްކަން ސާބިތުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމުގެ ވާހަކައެވެ.
ފާހަގަކުރެވިފައިވާ ކުރިއެރުންތަކަކީ ހެޔޮ ކުރިއެރުންތަކެއްކަމުގައި ވީނަމަވެސް، ދެމެހެއްޓެނިވި އަދި ހާމަކަން ބޮޑު ކުރިއެރުމެއް ލިބުން ބިނާވެގެންވަނީ ވަކި ކަންކަމުގެ މައްޗަށެޗެ. އެއީ:
1- ތަޙުޤީޤުތަކާއި ދަޢުވާކުރުމުގެ ނިންމުންތަކުގެ ހާމަކަން - ސަސްޕެންޝަންތަކާއި ދަޢުވާތަކުގެ އަސާސްތައް ސާފުކޮށް ބަޔާންކޮށް ޝާއިޢުކުރުން (ޤާނޫނީ އިޖުރާއަތުތަކަށް އިޙްތިރާމްކުރުމާއެކު) މިކަމުން ޢާންމުންގެ މެދުގައި އުފެދޭ ޝައްކުތައް މަދުވެގެންދާނެއެވެ.
2- ބަންދުކުރުމާއި ބެއިލްގެ ނިންމުންތަކުގައި އިޖުރާއަތުތައް އެއްގޮތަކަށް އަދި ވަކިފަރާތަކަށް ނުޖެހި ތަޠުބީޤުކުރުން. މ މިގޮތުން ފަނޑިޔާރުންގެ ޒިންމާދާރުކަމާއި މިނިވަންކަން އެކުއެކީގައި ދެމެހެއްޓޭނެއެވެ.
3- ތަޙުޤީޤުތަކާއި ދަޢުވާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމާއެކު، ތަޙުޤީޤުކުރާ ފަރާތްތަކާއި ދަޢުވާކުރާ ފަރާތްތައް ނުރަނގަޅު ނުފޫޒުތަކުން ރައްކާތެރިކުރުން. މިއީ މުއައްސަސާތަކުގެ އިރާދަ ދެމެހެއްޓެނިވި އިޞްލާޙަކަށް ބަދަލުކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.
މި ކަންކަމަށް އަހަންމިއްޔަތުކަން ދިނުމަކީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރެވޭ މާޙައުލެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ ޢާންމުންގެ އިތުބާރު އިތުރުވެ، ޤާނޫނުގެ ޙުކޫމަތު ވަރުގަދަވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަންކަމެވެ.
ފަހަކަށް އައިސް ފެންނަން ހުރި ކަންކަމަށް ބަލާއިރު، ތަޙުޤީޤެއް ހިނގަމުންދަނިކޮށް ފަނޑިޔާރަކު ސަސްޕެންޑްކުރުމާއި، ސިނގިރޭޓު ވައްކަމުގެ މައްސަލައިގައގައި ފެންނަން ހުރި ގޮތަށް ކުރެވުނު ހައްޔަރުކުރުންތަކާއި ބަންދުކުރުންތަކާއި، އަދި ފެނަކަގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރަށް އިއްވި ޙުކުމް ފަދަ ކޮރަޕްޝަންގެ މައްސަލަތަކުގައި އިއްވާފައިވާ ޖަލު ޙުކުމް ފަދަ ކަންކަމުން ޙަޤީޤީ އަދި މަޞްދަރު އެނގޭ ހެކިތަކެއް ފޯރުކޮށްދެއެވެ. މި ހެކިތަކުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމު މިހާރު ވަރުގަދަ އަދި ހަމަހަމަ ތަންފީޒުކުރުމަކަށް ބަދަލުވަމުންދާކަމެވެ.
މިއީ ވަކިވަކިން ފެންނަ ސުރުޚީތަކެއް ނޫނެވެ. މިއީ ފާހަގަކުރެވޭ ނަމޫނާއެއްގެ ބައެކެވެ. މި ނަމޫނާއިން ވަރުގަދަކޮށްދެނީ ޤާނޫނުގެ ޙުކޫމަތު އެއް ހަމައަކުން ތަންފީޒުކުރެވެމުންދާކަމާއި، އަދި ދައުލަތުގެ މުއައްސަސާތަކުން ޒިންމާދާރުކަމަށް ފުން އަހަންމިއްޔަތުކަމެއް ދެމުންދާކަމުގެ ސަރުކާރުގެ މައުޤިފެވެ.
މި ކުރިއެރުންތައް އިތުރަށް ހަރުދަނާކޮށް، ޢާންމުންގެ އިތުބާރު އިތުރަށް އުފެއްދުމަށްޓަކައި ދެމެހެއްޓެނިވި ހާމަކަމެއް ގެންގުޅުމާއި، އިޖުރާއީ ގޮތުން އެއްގޮތްކަމެއް ދެމެހެއްޓުމާއި، ތަހުގީގުކުރުމުގެ ގަބީލުކަން ދެމެހެއްޓުމަކީ މުހިންމު ކަންކަމެވެ.
މި ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމަށް އިތުބާރު ކުރެވޭ، ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރެވޭ މާޙައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ ޤާނޫނުގެ ޙުކޫމަތު ވަރުގަދަވެ، ޢާންމުންގެ އިތުބާރު އިތުރުވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަންކަމެވެ.