ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިކަން ހައިކޯޓުންވަނީ އިއުލާންކޮށްފައެވެ. އަދި ހައިކޯޓުގެ ސޯޝަލް މީޑިއާގައި އެ ކޯޓަށް ފައިސަލް ދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. ނަމަވެސް، ފައިސަލް އިސްތިއުފާ ދެއްވުމުގެ ސަބަބު ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ފައިސަލް ކުއްލި ގޮތަކަށް މިއަދު އިސްތިއުފާ ދެއްވިއިރު، އޭނާ ހިމެނޭ ގޮތަށް ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ. މި ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ ހައިކޯޓުގެ އެންމެ ސީނިއާ ފަނޑިޔާރުންނެވެ. ހައިކޯޓުގެ ފަނޑިޔާރުންނަށް އިތުރު ފާޑުކިޔުންތަކެއް އަމާޒުވާތީ، ޖޭއެސްސީންވަނީ އެ ފާޑުކިޔުންތަކަށް ރައްދު ދީފައެވެ. އެ ކޮމިޝަނުން ބުނެފައިވަނީ، ވަކި ކޯޓަކަށް ނިސްބަތްވާތީ ނުވަތަ ވަކި ފަނޑިޔާރެއް ކަމަށްވާތީ ތަފާތުކުރުމެއް ނެތި ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ.
ފައިސަލް މިއަދު ފަނޑިޔާރުކަމުން ވަކިވެވަޑައިގެންނެވިއިރު، މިއަދު މެންދުރު ބޭއްވި ޓެރަރިޒަމްގެ މައްސަލައެއްގެ ބެންޗުގައި އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ފާއިތުވި ހަފުތާގައި ފައިސަލް ވަނީ އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވެސް އިސްތިއުފާ ދެއްވާފައެވެ.
ފައިސަލްއަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި، ފައިސަލް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ. ޖޭއެސްސީގައި އޭނާ ހުންނެވީ ރައީސް ޔާމީންގެ މެންބަރުގެ ހައިސިއްޔަތުންނެވެ.