އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - -

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅި، އިތުބާރު ގާއިމުވަމުން އަންނަ މަންޒަރު މިހާރު ފެނޭ: ސައީދު

އާއިޝަތު އަނާ ރަޝީދު
 
14 ގަޑިއިރު ކުރިން

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅި، އިތުބާރު ގާއިމުވަމުން އަންނަ މަންޒަރު މިހާރު ފެންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި ނަމަވެސް މިހާރު ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ފުނިޖައްސާފައި އެތައް ދަރަންޏެއް ހުރި އިރު، އޭގެތެރޭގައި އާމްދަނީއާ ގުޅޭ އެއްވެސް ދަރަންޏެއް ނެތެވެ. އެހެންކަމުން، ރުފިޔާގެ އަގު ދަށްވެ، ވަރަށް ގިނަ ކަންތައްތަކެއް ހުރީ "އޮޅުން ބޮޅުން" އަރާފައި ކަމަށާއި މާލީ ނިޒާމު އެއްކޮށް އޮތީ ފުނޑިފައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި ދައުލަތް ހިންގުމުގެ ކަންކަން ވެސް ބޮއްސުންލާފައި އޮތުމުގެ ސަބަބުން އިގުތިޞާދަށް އަސަރުކޮށް، ކްރެޑިޓް ރޭޓިން ދަށްވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބައިނަލްއަގްވާމީ ގޮތުން އެންމެ ބޮޑު އެއް ރޭޓިން އެޖެންސީ ކަމަށްވާ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ2' ގައި ދަމަހައްޓައިފައިވާއިރު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. މި އޭޖެންސީތަކުން ފާޅުކުރި މައިގަނޑު ކަންބޮޑުވުމަކީ، ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތުމެވެ.

މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިދިޔަ ދެ އަހަރު އިތުގިޞާދަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކަށް ސައީދު ފާހަގަކުރެއްވީ، މިހާތަނަށް ރާއްޖެ ދަރަނިވެރިނުވެ ގައުމު ހިންގުމެވެ. އޭނާ ވިދާޅުވިއެވެ: "މިހާރު މާލީ ނިޒާމު ހަމައަކަށް އެޅި، އިރާދަކުރެއްވިއްޔާ އިތުބާރު ގާއިމުވަމުންދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ."

ރާއްޖެއިން އަންނަ އަހަރު ރެކޯޑު އަދަދެއް ކަމަށްވާ، 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭއިރު، މަރުކަޒީ ބޭންކުން ވަނީ މިދިޔަ ހޮނިހިރު ދުވަހު، އެ ދަރަނި ދެއްކުމަށް ބޭނުންވާ ފައިސާ ހޯދަން ބޮންޑު ނުވަތަ ސުކޫކް ވިއްކުން އަވަސްކޮށް، ސަރުކާރުގެ ޚަރަދުތައް އެންމެ އިސްކަން ދޭން ޖެހޭ ތަރުތީބުން ކުރުމަށް ލަފާދީފައެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ޚަރަދުތަކަށް ފާޑުކިޔައި، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނަމުންދާއިރު، ސަރުކާރުން އަންނަނީ އަންނަ އަހަރުގެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީކަން ދެމުންނެވެ.