އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރިކުރެވޭނެ އަދި ނުކުރެވޭނެ ދާއިރާތަކަށް ބަދަލުތަކެއް ގެނެސް ގެޒެޓްކޮށްފައެވެ.
މި ބަދަލުތައް ގެނެސްފައިވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށުނު ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުންނެވެ.
މި އިސްލާހުތައް ގެނެވިފައިވަނީ ދިވެހި ވިޔަފާރިވެރިންނަށް އިގްތިސާދީ ދާއިރާތަކުގައި ވާދަވެރިކަމާއެކު މަސައްކަތްކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، ބޭރުގެ އިންވެސްޓަރުންގެ ހުނަރާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކަށް އެފަދަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމަށެވެ. މި އިސްލާހުތައް އެކުލަވާލުމުގައި ގައުމީ ސަލާމަތަށާއި، އެތެރޭގެ މާކެޓުގެ ވާދަވެރިކަމަށާއި، ދިވެހި ވިޔަފާރިވެރިންގެ ހަރަކާތްތަކަށް އަދި އިންވެސްޓްމަންޓްތަކުން ލިބޭނެ ކުރިއެރުންތަކަށް ރިއާޔަތްކޮށްފައިވެއެވެ.
މި އައު އިސްލާހުތަކާއެކު، ކުރިން ހުއްދަ ލިބިގެން ހިންގަމުންދިޔަ ބައެއް ވިޔަފާރިތައް މިހާރު ވަނީ މަނާ ދާއިރާތަކުގެ ތެރެއަށް ވައްދާފައެވެ. އަދި ބައެއް ދާއިރާތަކުގައި ހަމައެކަނި ޖޮއިންޓް ވެންޗަރ އުސޫލުން ނުވަތަ ވަކި ޝެއަރހޯލްޑިންގ ޝަރުތުތަކެއް ފުރިހަމަވެގެން ނޫނީ ހަރަކާތްތެރިނުވެވޭނެއެވެ. ނަމަވެސް މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް އައު އިސްލާހުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަގުތު ދެވޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.