އިލްމީ ބަހުސެއްކުރާ އެއްވެސް މެމްބަރަކު ނެތް: އަބްދުއްރަހީމް

އާއިޝަތު އަނާ ރަޝީދު
 
11 ދުވަސް ކުރިން

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ އެކަށީގެންވާ މިންވަރަށް އިލްމީ ބަހުސްތައް ކުރައްވާ މެންބަރުން މަދުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ 

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ފާހަގަކުރެއްވީ، މަޖިލީހުގެ ތަޅުމުގައި ބިލުތަކުގެ އިބްތިދާއީ ބަހުސް ކުރިއަށްދާއިރު، ވާދަވެރި ސިޔާސީ ޕާޓީތައް ހިމެނޭނަމަ، ސިޔާސީ ވާހަކަތައް ދެކެވޭނެ ކަމަށެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި، އެއް ފަރާތުން އަނެއް ފަރާތަށް ރައްދު ދިނުން ވެސް ހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި އިލްމީ ބަހުސް ކުރައްވާ ބައެއް ބޭފުޅުން ތިއްބަވާކަން ފާހަގަކުރައްވަމުން، 20 ވަނަ މަޖިލީހަކީ އަލަށް މަޖިލީހާ ގުޅުނު މެންބަރުން ގިނަ މަޖިލީހެއް ކަމަށެވެ. އެހެންކަމުން، އެ ބޭފުޅުންނަށް އިލްމީ ބަހުސްތައް ފެށުމަށްޓަކައި، މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި އެހެނިހެން މަސައްކަތްތަކަށް 'ހޭނުމަށް ވަގުތުކޮޅެއް' ނަގާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރާއްޖެއަށް ޑިމޮކްރަސީގެ ނިޒާމު އައީ އެކަމަށް އެއްވެސް ވަރަކަށް ތައްޔާރުނުވެ، ހޭލުންތެރިކަން ނެތި ތިއްބައެވެ. އޭނާ އިޝާރާތް ކުރެއްވީ ޑިމޮކްރަސީގެ ތެރެއިން ލިބޭ ތަޖުރިބާގެ ސަބަބުން މަޖިލީހުގެ ބަހުސްތަކުގެ ފެންވަރު ރަނގަޅުވަމުންދާ ކަމަށެވެ. "މިހާރު މަޑުމަޑުން ރަނގަޅުވަމުން ދަނީ. މިދެންނެވިހެން 17 ވަނަ މަޖިލީހަށްވުރެ 18 ވަނަ މަޖިލީހުގެ ބަހުސްތައް ރަނގަޅު. 19 ވަނަ މަޖިލިސް އެއަށްވުރެ ރަނގަޅުވާނެ. ދެން މިހާރު މިހާތަނަށް އައިއިރު މި މަޖިލިސް ވެސް ދެން ކުރިއަށްދާއިރު އަދި މާ ރަނގަޅުވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިސާލު ޖައްސަވައި ވިދާޅުވީ، މީގެ ކުރީގެ ވެރިކަންތަކުގައި، ވެރިން ރަށްރަށަށް ވަޑައިގަންނަވާއިރު، އެ ވެރިއަކާ އިދިކޮޅު ފިކުރެއްގެ ސަޕޯޓު ބޮޑު ރަށަކަށް ދެވިއްޖެނަމަ، އެ ރަށަކަށް އަރާވަޑައިގަތުމުގައި ވެސް ދަތިތަކެއް ހުރެދާނެ ކަމަށެވެ. އަދި ފަހަތުން ދުވެ، ހަޅޭއްލަވައި، ޖަލްސާއެއް ބާއްވާނަމަ އެތަނަކަށް ގޮސް އަޑުގަދަކުރުން ފަދަ ކަންތައްތައް ކުރަމުންދިޔަ ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރުގެ ސަރުކާރު އައި ފަހުން އެފަދަ ކަންކަން ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، "މިހާރު ނެތެއްނޫންތޯ އެކަމެއް؟ މިހާރު ކޮންމެ ފިކުރެއްގެ މީހަކަށް ވެސް، ރައީސަކަށް ވެސް އަދި ރައީސްކަން ކުރައްވާފައި ހުންނަ ބޭފުޅަކަށް ވެސް ކޮންމެ ރަށަކަށް ދެވޭ. ފެނިވަޑައިގަންނަވާނެ މި ދޭތެރެއިން ކުރީގެ ރައީސް ޔާމީން ދިއްދޫއަށް ވަޑައިގެންފި. ދިއްދޫއަށް ވަޑައިގަތީމަ މަރުހަބާ ވިދާޅުވީ އެއީ ކޮންމެހެން ރައީސް ޔާމީން ވެރިކަމަށް ގެންނަން ބޭނުންވާ މީހުން ނިކުމެ މަރުހަބާ ކީކީއެއް ނޫނޭ."

އަދި އިތުރަށް ވިދާޅުވީ، "...ގައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްވީމަ އެ ދައުވަތު ދިން ބޭފުޅުން ނިކުމެ އިހުތިރާމް ކުރެއްވުމުގެ ގޮތުން މަރުހަބާ ވިދާޅުވީ. އޭގެ މާނައަކީ މިހާރު ހޭލުންތެރިވެއްޖެއޭ. ކުރީގަ ނަމަ އެކަން އެހެނެއް ނުވާނެއޭ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ހޯރަފުއްޓަށް ވެސް ވަޑައިގަތް. އަޅުގަނޑުމެން ފިކުރުގެ މީހުންނެއް ނުދެއެއް ނޫންތޯ ހަޅޭއްލަވާކަށް؟"

އެފަދަ މިސާލުތައް ދައްކަވައި އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ވެސް މިފަދަ ހޭލުންތެރި، ތަހުޒީބު މިންވަރަކަށް ދާނެ ދުވަސް އަންނާނެ ކަމަށެވެ. ނަމަވެސް، މިވަގުތަށް އެންމެ އިލްމީ ފެންވަރަށް ބަހުސް ކުރައްވާ ބޭފުޅުން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.