ލާމަރުކަޒީ ނިޒާމުގެ ހަރަދު ކުޑަކޮށް، ނަތީޖާ ނެރެވޭ ގޮތަކަށް ބަދަލުކުރުމުގެ މަގްސަދުގައި، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މި އިސްލާހު ފާސްވެއްޖެނަމަ، އަންނަ މާޗް މަހުގެ ފަހުކޮޅު ބާއްވާ ކައުންސިލް އިންތިހާބުގައި ހޮވާ ކައުންސިލަރުންގެ އަދަދަށް ބަދަލުތަކެއް އަންނާނެއެވެ.
މި ބިލުގައި ވަކި ގޮތަކަށް ކަނޑައަޅާފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދަށެވެ. މިހާރު މޭޔަރާއެކު ހަތް ކައުންސިލަރުން ތިބޭ ފުވައްމުލަކުގައި، މި އިސްލާހާއެކު މޭޔަރާއެކު ނުވަ ކައުންސިލަރުން ތިބޭނެއެވެ. މި ބަދަލު ގެނައުމުގެ ސަބަބެއް ކަމަށް ބިލުގައި ބުނަނީ، ފުވައްމުލަކަކީ އެއްފަސްކޮށް އޮތް ނަމަވެސް، އިދާރީ ގޮތުން ވަކި ރަށްރަށުގެ ގޮތުގައި ބެލެވޭ އަށް އަވަށުގެ މައްޗަށް އެކުލެވިގެންވާތީ، އެއިން ކޮންމެ އަވަށަކަށް ކައުންސިލަރަކު އިންތިހާބު ކުރުމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދު ވެސް މި އިސްލާހުގައި ބަދަލުކުރުމަށް ހުށަހަޅާފައިވެއެވެ. މިހާރު 19 ކައުންސިލަރުން ތިބޭ މާލޭގައި، ދެން ތިބޭނީ ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ދާއިރާތައް ތަމްސީލުކުރާ މެންބަރުންގެ އަދަދަށް ކަމަށް އިސްލާހުގައިވެއެވެ. 20 ވަނަ މަޖިލީހުގައި މާލޭގެ މެންބަރުންގެ އަދަދަކީ 16 ކަމަށްވާއިރު، މި ބިލު ފާސްވެއްޖެނަމަ މާލޭގެ ކައުންސިލަރުންގެ އަދަދު 19 އިން 16 އަށް މަދުވާނެއެވެ. މާލޭގެ ރަޖިސްޓްރީ އާބާދީ 83،800 އަށް ވުރެ މަތިވާއިރު، ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގައި 60،000 އިން މަތީ އާބާދީތަކަށް 19 ކައުންސިލަރުން ކަނޑައަޅާފައިވެއެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފިނަމަ، އައްޑޫ ސިޓީ ކައުންސިލްގައި ހަތް ކައުންސިލަރުން ތިބޭނެއެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާއަށް ބަދަލެއް ނުގެނެސް، ހަމައެކަނި މާލެއާއި ފުވައްމުލަކުގެ އަދަދު ވަކިކޮށް ކަނޑައަޅާފައިވާއިރު، ކުޅުދުއްފުށި، ތިނަދޫ އަދި އައްޑޫގެ ކައުންސިލަރުންގެ އަދަދަށް ބަދަލެއް ގެނައުމަށް ވަކި ހުށަހެޅުމެއް މި އިސްލާހުގައި ހިމަނާފައެއް ނުވެއެވެ.