ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ފުލުފުލުގައި ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތައް ހުއްޓިފައިވާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ހަތަރު ކައުންސިލަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ދެ ބޭފުޅުން ވަނީ ސަރުކާރުގެ މި އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ގާނޫނަށް ބަދަލު ގެނައީ ކައުންސިލްތަކުން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅައި ހުއްޓުވުމުގެ ނިޔަތުގައި ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، "މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު ގަސް ވިއްކާ ފިހާރައެއް ހުޅުވާފައި މިވަނީ. އެހެންނަމަވެސް މިއަދު ކައުންސިލްތަކުން ކުރާ މިފަދަ މަސައްކަތްތައް ހުއްޓުވަން ގާނޫނަށް ބަދަލު މި ގެނައީ،" އާތިފް ވިދާޅުވި އެވެ.
އާތިފް ވަނީ މުވައްޒަފުން ނެގުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުވާލައްވާފަ އެވެ. ކައުންސިލަށް ބޭނުންވާ ހަ މުވައްޒަފުން ނެގުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހުއްދައަށް އެދުމުން، ދައުރުގެ ފަހު އަހަރަށްވާތީ އެ ހުއްދަ ދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އާތިފް ވިދާޅުވީ އަލަށް ހެދި ގަވާއިދުގެ ދަށުން ކައުންސިލްގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ހުށަހެޅީ ނަމަވެސް، "އެކަށީގެންވާ މުއްދަތެއް ދައުރުގައި ނެތުމުގެ ސަބަބުން އެ މަގާމުތައް ނެގުމަށް ހުއްދަ ދެވެން ނެތް" ކަމަށް ޖަވާބު ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އާތިފް ވަނީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ކައުންސިލްތަކަށް ދައުރުގެ ފަހު އަހަރު މުވައްޒަފުން ނުނެގޭނަމަ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް ރައީސްކަމުގެ ފަހު އަހަރު ސަރުކާރަށް އެއްވެސް މުވައްޒަފުން ނުނެގޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ކައުންސިލްތަކަށް ބިންތައް ކުއްޔަށް ނުދެވުމުން މާލީ ގޮތުން ގެއްލުންތައް ލިބެމުންދާ ކަމަށާއި، މުސާރައަށް ގެނައި ބަދަލުގެ ސަބަބުން ހަ ގަޑިއިރު މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނަށް އޯޓީ ލިބެން ފަށަނީ އަށް ގަޑިއިރު ހަމަވުމުން ކަމަށް ވެސް އާތިފް ފާހަގަކުރެއްވި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މުވައްޒަފުން ނެގުން ހުއްޓިފައި އޮތުމުން ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. މިގޮތުން މިސްކިތްތައް ރީތިކުރުމަށް ނަގާފައިވާ މުވައްޒަފުން ވަކިވިޔަސް އެ މަގާމުތަކަށް މުވައްޒަފުން ނެގޭނެ ގޮތެއް މިހާރު ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، "މިސްކިތްތަކާއި މިސްކިތްތަކުގެ ފާހާނާ ބަރި އާއި މިސްކިތްތަކުގެ ދެން ހުރި ތަންތަން ރީތިކޮށް ހަދާ ނިންމާ މިކަން ކުރިތަން ފެނިގެން ދެން އެތަންތަން ހަލާކުކޮށްލުމުގެ ވިސްނުމެއްގައި މުވައްޒަފުން ނުދީ ހިފަހައްޓަނީ،" އެވެ. އާޒިމް ވިދާޅުވީ ކައުންސިލްތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި ލިބުނު ފައިދާތަކާއި އާމްދަނީއަށް ޖެއްސުން ކުރުމުގެ ގޮތުން ގާނޫނަށް ބަދަލު ގެނައީ ކަމަށެވެ.