އިލެކްޝަން ކޮމިށަން

ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުންގެ ރެކޯޑު ސާފުކުރުމުގައި ލުއިތަކެއް

މުހައްމަދު ހަމީޒް
 
8 މަސް ކުރިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް، އިންތިޚާބަށް ކުރިމަތިލުމުގެ ފޯމާއެކު ހުށައަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބަށް ކުރިމަތިލާން އެދޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުޞަތު ދުރާލާ ދިނުމަށް ބޭނުންވާ ކަމަށެވެ.

ކެންޑިޑޭޓުން ހުށައަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ފޯމުތަކުގެ ތަފުސީލުތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ރެކޯޑްސް ޕޯޓަލްއިން އުމުރަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ސާފުކުރި ކުށުގެ ރެކޯޑް ފޯމު، އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފައިސާ ދެއްކުމަށް ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރެކޯޑު ހިމެނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިޚާބުގައި ޖުމުލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި ޑަބްލިޔުޑީސީގެ މެންބަރުން އިންތިޚާބުކުރަން ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބަކީ ކޮންމެ ފަހަރަކުވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބެވެ.