ލޯކަލް ކައުންސޮލް އިންތިހާބު އޭޕްރިލް 4 ގައި ބާއްވަނީ

އާއިޝަތު އަނާ ރަޝީދު
 
8 މަސް ކުރިން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

މި އިންތިހާބު ބާއްވާނެ ރަސްމީ ތާރީޚެއް އީސީން އިއުލާނު ނުކުރި ނަމަވެސް، މީގެ ކުރިން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައި ވަނީ މި އިންތިހާބު މާޗް 28 ގައި ބޭއްވުމަށް ރާވާފައިވާ ކަމަށެވެ. ނަމަވެސް، މިއަދު އީސީން ރަސްމީކޮށް އިންތިހާބު އޭޕްރީލް ހަތަރަކަށް ބަދަލުކުރި އިރު، މާޗް 28 އަށް ވުރެ ލަސްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

އީސީން ބުނި ގޮތުގައި، މި އިންތިހާބުގެ ތެރެއިން 226 ދާއިރާއަކަށް ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހޮވާނެ އެވެ.

މި ފަހަރުގެ އިންތިހާބަށް ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދުމަށް އީސީން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން my.elections.gov ޕޯޓަލް މެދުވެރިކޮށް، އީ-ފާސް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ކޮމިޝަނުން ހާމަކުރެ އެވެ. މީގެ އިތުރުން، އިންތިހާބުގެ އެހެނިހެން މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް އީސީން ވަނީ އިއުލާނުކޮށްފަ އެވެ.

މި ލޯކަލް ކައުންސިލް އިންތިހާބަށް ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ. ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒާހިދު އޭރު ވިދާޅުވީ، ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ "ވަރަށް ބޮޑު ހަރަދެއް ހިނގާ އިންތިހާބުތަކެއް" ކަމަށާއި، މުސްތަގުބަލުގައި އިންތިހާބުތަކުގެ ހަރަދު ކުޑަކުރުމަށް ވިސްނުންތަކެއް އެބަހުރި ކަމަށެވެ. "...އަޅުގަނޑުމެން މި އިންތިހާބަށް ވެސް ކައުންސިލް އިންތިހާބަށް ބަލާއިރު، އެންމެ މަދުވެގެން ވެސް 70 އާއި 80 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް ހަރަދު ވެގެންދާނެ ކަމަށް ލަފާކުރެވެ،" ޒާހިދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިންތިހާބުތަކަށް މިހާ ބޮޑު ހަރަދެއް ހިނގަނީ، އެ އިންތިހާބުތައް އިތުބާރު ހިފޭ އިންތިހާބުތަކަކަށް ހެދުމަށްޓަކައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭތީ ކަމަށެވެ.