ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން ދެ މެންބަރަކު ޢައްޔަން ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނަން ފޮނުއްވައިފި އެވެ.
އެ ބޯޑުގެ 3 މެންބަރެއްގެ މަޤާމުގެ މުއްދަތު އަންމަ މަހަށް ހަމަވާތީ ކުރިމަތިލާން ރައީސް އޮފީހުން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެގޮތުން ހުޅުވާލި ފުރުޞަތުގައި އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާން ޖެހޭ ދާއިރާތަކުގެ ތެރެއިން ދެ ދާއިރާއަކުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ވަނީ ފޮނުއްވައިފަ އެވެ.
އެ މަނިކުފާނު ފޮނުއްވީ ފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރުންގެ ނަންތަކެވެ.
މިންތީގެ ހަމަހަމަކަން ނުވަތަ ޖެންޑަރ އިކުއަލިޓިގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް ޢައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަމެވެ. ގަވަނަންސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހެޅުއްވީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަމެވެ.
ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ ކަމަށްވާ އެލްޖީއޭ އެކުލެވިގެން ވަނީ 9 މެންބަރުންގެ މައްޗަށެވެ.
އެލްޖީއޭގެ ރައީސަކީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި ސީއީއޯ އަކީ މުހައްމަދު ނިމާލެވެ.