ރައީސް މުހައްމަދު މުއިއްޒު އަދި ކޮންސްޓްރަކްޝަން މިނިސްޓަރ - -

ރަސްމާލޭގެ މަސައްކަތް ރައީސް ބައްލަވާލައިފި

އާއިޝަތު އަނާ ރަޝީދު
 
2 މަސް ކުރިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ރަސްމާލޭގެ ބިން ހިއްކުމާއި، އެ ސަރަޙައްދުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތް، އެމަނިކުފާނު މިއަދު ވަނީ ބައްލަވާލައްވާފައެވެ.

ރައީސް އޮފީހުން މިއަދު ދެއްވި މައުލޫމާތުގައިވާ ގޮތުން، ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ސަރަހައްދުތައް ވަކިވަކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. މިގޮތުން، ތިން ސަރަހައްދެއްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ސައިޓް-ޖޭ ވަނީ މުޅިން ހިއްކާ ނިމިފައެވެ. އަދި ސައިޓް-އެލް ގެ 25.53 އިންސައްތަ، އަދި ސައިޓް-ސީގެ 20.09 އިންސައްތަ މިހާރު ވަނީ ހިއްކާ ނިމިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކާ ބިމުން 15,000 ގޯތި ދޫކުރުމަށް އިއުލާނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ރަސްމާލެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ފަރާތްތައް ހިމެނޭހެން، އާއިލީ ބޯހިޔާވަހިކަމަށް އިސްކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އިތުރު ޑްރެޖަރުތައް ބޭނުންކޮށްގެން ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރަސްމާލޭ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ސަރުކާރުން ބުނާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން 65،000 ހައުސިން ޔުނިޓު ޔަގީންވާނެއެވެ. އެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ފުރަތަމަ މަރުހަލާގައި ހިމެނޭ 15،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މިހާރު ވެސް ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

ރަސްމާލެ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި 'އިކޯ ސިޓީ'ގެ މޮޑެލްއަށް ކަމަށާއި، މިއީ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ތަރައްޤީކުރެވޭ ފުރަތަމަ 'ޒީރޯ ކާބަން ސިޓީ'އަށް ވާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫޢަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ އިތުރުން ތިމާވެއްޓާ ރައްޓެހި އީޖާދީ ބަދަލުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްދޭނެ މަޝްރޫޢެއް ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އުމްރާނީ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، އެ މުއްދަތު ހަމަވެގެން ދިޔައިރު ވެސް ނިމިފައިވަނީ މަސައްކަތުގެ ވަރަށް ކުޑަ ބައެކެވެ.

މި މަޝްރޫޢަށް ފުރަތަމަ އެއްބަސްވުމެއް ހެދުނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ) އާއެވެ. ނަމަވެސް، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެ، ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ. އެކި ސަބަބުތަކާ ހެދި، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް އެކި ފަހަރު މަތިން ހުއްޓުންތައް ވެސް އައިސްފައިވެއެވެ.