އަލްހާނާއި 2 ކޮއްކޮއިންނަށް ކުރި ދައުވާ ނަގައިފި

ނާއިފް ހަލީމް
 
12 ދުވަސް ކުރިން

ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި އެއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީއާއި، ޝަޒުބާން ފަހުމީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެނެސްފިއެވެ.

މި މައްސަލައަކީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާއި ހީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި 13 މީހަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. އެހެންވެ، އެ މައްސަލައިގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

އަލްހާނު ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ

ޝަހުބާން ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ

ޝަޒްބާން ފަހުމީ: ޓެކުމުގެ ކުށުގެ 13 ދައުވާ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ތިން މީހުންނަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 މީހުންނަށް ބަދަލު ދީފައިވާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށެވެ. އަދި، ފުލުހުންގެ ފަރާތުން އެކަން ސާފުކުރުމުން ވެސް އެކަން ޔަގީންވެފައިވާތީ، މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.