ޝަހީދް ހުސެއިން އާދަމް ބިލްޑިންގ --

ފައިސާއަށް ޚިޔާނާތްތެރިވުން: ހަތަރު ފުލުހަކު ވަކިކުރަނީ

މުހައްމަދު ހަމީޒް
 
12 ދުވަސް ކުރިން

ފުލުހުންގެ ކޮއްތު ފައިސާތަކަކަށް ޚިޔާނާތްތެރިވުމުގެ ތުހުމަތާއި ގުޅިގެން ހިންގި ތަޙުޤީޤަށް ފަހު ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ނިންމައިފި އެވެ.

ދިވެހި ފުލުހުން ޚިދުމަތުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން އެ ބޯޑުން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. ބޯޑުން ނިންމީ މައްސަލައިގެ ތުހުމަތު އޮތް ހަތަރު މުވައްޒިފަކު ވަޒީފާއިން ވަކިކުރުމަށް ލަފާ ދިނުމަށެވެ.

މިއީ ށ. މިލަންދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ކޮއްތު ފައިސާތަކެއް އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. އެކަން ފުލުހުންގެ ސަމާލު ކަމަށް އައީ އެ މީހުންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރިކަން ހާމަވުމުންނެވެ.

ފުލުހުންގެ އިދާރާގައި ޒަމާނުއްސުރެން ދިމާވެފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ދެނެގަނެ، އެކަކަންކަން އިސްލާހު ކުރުމުގެ ގޮތުން ސަރުކާރުން ދަނީ އެ އިދާރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އަދި މިފަދަ ކަންކަމުގައި ޝާމިލްވާ ބޭފުޅުންނަށް ހަރުކަށި ފިޔަވަޅުއަޅަމުންނެވެ.