މާރާމާރީއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް, ޑޮކްޓަރުންނާއި ނަރުހުންނަށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ދިވެހި ޒުވާނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރު ކޮށްފައިވަނީ, ގދ. ވާދޫ, ފުރުސަތު, ލޫތު އިބްރާހީމް, 28, ކަމަށެވެ.
ތަފްސީލު ހާމަ ކުރަމުން ފުލުހުން ބުނީ އޭނާ އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ މިދިޔަ ހަފުތާ އާދިއްތަ ދުވަހުގެ ފަތިހު ހިނގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ލޫތު ވަނީ ހަމަ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކައިފައެވެ. އަދި އޭނާގެ ޖީބުން ވަޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާއިރު, އިއްޔެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހި އަމުރުން އެނގޭގޮތުގައި, އޭނާ ވަނީ ޖީބުން ވަޅިއެއް ނަގައިފައެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް އިންޒާރުދިން ކަމަށް ތުހުމަތު ކޮށްފައިވެއެވެ.