ފުލުހުން އޮޕަރޭޝަނެއްގައި ހަރަކާތްތެރިވާ މަންޒަރު - -

ގޭންގްތަކުގެ ލިސްޓް ހަދައި ފޮޓޯ އާއްމުކުރަނީ!

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

ގޭންގުތަކާއި، އެފަދަ ޖަމާޢަތްތަކުގެ އިސްވެރިންނާއި މެންބަރުން ދެނެގަތުމަށްފަހު، އެފަރާތްތަކުގެ މަޢުލޫމާތު އަދި ފޮޓޯ ހާމަކުރެވޭނެ ގޮތަށް އެކުލަވާލެވިފައިވާ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރަން ފަށައިފިއެވެ.

މި ގާނޫނީ އޮނިގަނޑު ވުޖޫދަށް ގެނެވުނީ މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލުގައި ސޮއިކުރެއްވުމާ ގުޅިގެންނެވެ.

މި ގާނޫނުގެ ދަށުން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ފަރާތްތައް ގޭންގު ނުވަތަ އޭގެ ލީޑަރު ނުވަތަ މެންބަރެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު، އެފަދަ ފަރާތްތަކާ ގުޅުން ބޭއްވުމާއި މުޢާމަލާތްކުރުން މަނާކުރެވިފައިވެއެވެ.

މި ގާނޫނުގެ މަޤްޞަދު ހާސިލުކުރުމަށްޓަކައި، މިފަދަ ފަރާތްތަކުގެ މަޢުލޫމާތު އާންމު ރައްޔިތުންނަށާއި، ރާއްޖެއާ ޑިޕްލޮމެޓިކް ގުޅުން އޮންނަ ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެނގޭނެހެން، އެފަރާތްތަކުގެ ފޮޓޯއާއެކު މަޢުލޫމާތު ޢާންމުކުރެވޭނެއެވެ.

ގޭންގު މެންބަރުންނާއި ލީޑަރުން ކަނޑައެޅުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ޚާއްސަ ސަލާމަތީ ކޮމިޓީއަކުންނެވެ. މި ފަސް މެންބަރުންގެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރު، ޕޮލިސް ކޮމިޝަނަރު، ޗީފް އޮފް ޑިފެންސް ފޯސް އަދި ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސްގެ އިސްވެރިންނެވެ.

ގާނޫނުގައިވާ ގޮތުން، ގޭންގު މެންބަރުންގެ ލިސްޓުގައި ހިމެނޭ މަޢުލޫމާތު ކޮންމެ ހަ މަހަކުން އެއްފަހަރު މުރާޖަޢާކުރަންޖެހެއެވެ.

ބިލު ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުގައި ގޭންގު ހަރަކާތްތައް ނުހުއްޓުވުނު މައިގަނޑު ސަބަބަކީ އެކަން ހައްލުކުރުމުގެ ސިޔާސީ އިރާދަ ނެތުމެވެ.