ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށްވުރެ ގިނަ ރުފިޔާއާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު، ކަފިދޫގެ، އުމުރުން 23 އަހަރުގެ ހާރޫން ޖައިލަމެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ޖައިލަމް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
"މި އޮޕަރޭޝަނުގައި ދެ ސައިކަލާއި އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވެއެވެ. އަދި ބަލައިފާސްކުރިއިރު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވޭ، މި މައްސަލައާ ގުޅިގެން ބަލައިފާސްކުރި ދެ ސައިކަލް ވަނީ ޓޯކޮށްފައި" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.