ފުލުހުންގެ އޮފިސަރުންނަށް ނުރައްކާތެރި އިންޒާރުތަކާއި ބިރުދެއްކުމުގެ އަމަލުތައް ސޯޝަލް މީޑިއާގައި ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން މިއަދު އިންޒާރުދީފިއެވެ.
މި އިންޒާރު ދިނުމުގެ ސަބަބަކީ އެމްޑީޕީގެ މުޒާހަރާގައި ބާރު އަޑު ފޮނުވާ ހަތިޔާރު ގެންގުޅުނު ފުލުސް އޮފިސަރެއްގެ ފޮޓޯއާއި އަމިއްލަ މަޢުލޫމާތު ސޯޝަލް މީޑިއާގައި ފެތުރި، އެ އޮފިސަރަށް ފާޑުކިޔަން ފެށުމެވެ.
ފުލުހުން ނެރުނު ބަޔާނުގައި ވަނީ، ޤާނޫނު ތަންފީޒުކުރާ މުވައްޒަފުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން، އޮފިސަރުންނާއި އެ މީހުންގެ އާއިލާތަކަށް ނަފްރަތު އުފެއްދުމާއި، އޮފިސަރުންގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރުވުމާއި، ބިރުދެއްކުމުގެ އެއްވެސް އަމަލެއް ސޯޝަލް މީޑިއާގައި ހިންގާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމަށެވެ.
މި ހާދިސާ ހިނގަމުންދާއިރު، "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގައި ފުލުހުން ބޭނުންކުރި ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) އާ ގުޅޭ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާކަން އަންގާފައިވެއެވެ. އެ މުޒާހަރާގައި އަށް މީހަކު ހައްޔަރުކުރެވުނު ނަމަވެސް، އޭގެ ތެރެއިން ޒަރީރާއި މުޙައްމަދު ޚަލަފް އިބްރާހީމް ވަނީ ދޫކޮށްލާފައެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން އެލްއާރުއޭޑީއާއި ކަރުނަގޭސް ބޭނުންކުރި ކަމާމެދު ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުން ގެންދެއެވެ.