އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ކަންފަތަށް ގެއްލުންދޭ އަޑު އުފައްދާ ވަސީލަތް (އެލްއާރުއޭޑީ) ބޭނުންކުރި މައްސަލަ ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފި އެވެ.
އެޗްއާރުސީއެމްގެ ފަރާތުން މަޢުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، މި ބާވަތުގެ އަޑު އުފައްދާ ހަތިޔާރު މުޒާހަރާގައި ބޭނުންކުރުމާ މެދު ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް، އިތުރު ތަފުސީލެއް ހިއްސާ ނުކުރައްވަ އެވެ.
އިދިކޮޅު ފަރާތްތަކުން "ލޫޓުވައިފި، ލޫޓުވައިފި" ގެ ނަމުގައި ހުކުރު ދުވަހު ބޭއްވި އެއްވުމުގައި މި އާލާތް ބޭނުންކުރުމުން، އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން އުފެދުނެވެ. ރާއްޖޭގައި މުޒާހަރާއެއް ރޫޅާލުމަށް މި އާލާތް ބޭނުންކުރީ މިއީ ފުރަތަމަ ފަހަރެވެ. މާ ގާތުން މި އާލާތް ބޭނުންކޮށްފި ނަމަ، އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި މި އާލާތް ބޭނުންކުރުމުގެ ހުއްދަ ފުލުހުންނަށް ލިބިފައި ނުވާ ކަމަށާއި، އެއީ ގާނޫނާ ހިލާފު ކަމެކެވެ. އެހެން ނަމަވެސް، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ މީގެ ކުރިން ވެސް މުޒާހަރާތައް ރޫޅާލުމަށް މި އާލާތް ބޭނުންކޮށްފައިވާ ކަމަށެވެ.