އެމްޑީޕީގެ ދެ ރައީސުންނާއި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން | ފޮޓޯ: ޖުމްލަ ސްޓޫޑިއޯ

ފައްޔާޒްގެ ހިކުމަތްތެރިކަމާ އެކު އެމްޑީޕީ އަލުން ބަދަހިވުން

މުހައްމަދު ހަމީޒް
 
21 ދުވަސް ކުރިން

އެމްޑީޕީއަށް ދިމާވި އެންމެ އުނދަގޫ ދުވަސްވަރު، ޕާޓީ ދެބައިވެ، ހުރިހާ އުންމީދެއް ކެނޑިގެންދާން ކައިރިވި ނަމަވެސް، އެ ޕާޓީ ހިންގެވި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދުވަހަކުވެސް އެ އުންމީދު ގެއްލުވާ ނުލެއްވިއެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ އެމްޑީޕީ އަލުން އެއްބައިވެ، ވަރުގަދަވެފައިވާ މަންޒަރު ހަގީގަތަކަށް ހެއްދެވުމަށް ފައްޔާޒް ވަރަށް ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރެއްވިއެވެ. އެކަމަށް ހަގީގަތް ގަބޫލުކުރާ ކޮންމެ މީހަކު ހެކިވާނެއެވެ. ފަހަތަށް ޖެހި ރަނގަޅަށް ބަލާލުމުން، އެ ހިކުމަތްތެރިކަމުގެ ހަގީގަތް ފެންނަން އެބައޮތެވެ.

އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނަވާ، ފައްޔާޒް ގެންދެވީ ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއި ގުޅުން ބަދަހި ކުރައްވަމުންނެވެ. ޕާޓީތައް ދުރުގައި ތިއްބެވި ނަމަވެސް، ގުޅުންތަކުގެ މުހިންމުކަން އެމަނިކުފާނު ދެނެގަތެވެ. އެގޮތުން، ބޭރުގައެއްގައި ކުރެއްވި ދަތުރުފުޅެއްގައި ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއެކު ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖެ ވަޑައިގެން، ދަ ޑިމޮކްރެޓްސްގެ މެންބަރުން ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި ވެސް ފައްޔާޒް ބައިވެރިވެވަޑައިގަތެވެ. މިފަދަ ބައްދަލުވުންތަކަކީ ދެ ޕާޓީއާ ދެމެދު އޮތް ފަރަގު ކުޑަކޮށް، ގުޅުން ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.

ފައްޔާޒްގެ ހުރިހާ ވެސް އަމާޒަކަށް ވީ އެމްޑީޕީ އަލުން އެއްކުރުމެވެ. އަދި ޕާޓީގެ އިސް ދެ ބޭފުޅުން ކަމަށްވާ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން އަލުން ބަދަހި ކުރެއްވުމެވެ. އެމަނިކުފާނުގެ ހިކުމަތްތެރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދަ ޑިމޮކްރެޓްސްގެ އިސް ހުރިހާ ބޭފުޅުން ހިމެނޭހެން ޕާޓީގެ ގިނަ މެންބަރުން އެމްޑީޕީއާ ގުޅޭން ނިންމި އެވެ. މިކަމުގެ ސަބަބުން އެމްޑީޕީއަށް އާ ރޫހެއް ލިބި، ޕާޓީ އަލުން ވަރުގަދަވެ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އިތުރަށް ހަރުދަނާވުމުގެ މަގު ފަހިވިއެވެ.

މި ގުޅުމަކީ ހަމައެކަނި ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމެއް ނޫނެވެ. މިއީ އެމްޑީޕީގެ އަސާސީ ރޫހާއި، ފިކުރީ ބިންގާ އަލުން ވަރުގަދަކޮށް، ޕާޓީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ފައްޔާޒް އިސްމާއީލްގެ މި މަސައްކަތްތަކުން ފެނިގެންދިޔައީ އެމަނިކުފާނުގެ ހިކުމަތްތެރިކަމާއި، ދުރު ރާސްތާ ބެލުމުގެ ގާބިލިއްޔަތެވެ. އެމަނިކުފާނު ވަނީ ޕާޓީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯއްދަވައި، ހުރިހާ ފަރާތްތަކަކަށް ވެސް ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ބިނާކޮށްދެއްވާފައެވެ.

އެމްޑީޕީގެ ތާރީޚުގައި ދިމާވި މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ފައްޔާޒް އިސްމާއީލްގެ ހިކުމަތްތެރިކަމާއި، ކެތްތެރިކަމުގެ ސަބަބުން ޕާޓީއަށް އަލުން އުފަންވުމުގެ ފުރުސަތު ލިބުނެވެ. މިއީ ސިޔާސީ ޕާޓީއެއްގެ ދިރިހުރުމަށްޓަކައި އެއްބައިވަންތަކަމާއި، އިސްލާހީ ވިސްނުން ކިހާ މުހިންމުކަން ދައްކުވައިދޭ މިސާލެކެވެ. އެމަނިކުފާނުގެ މި ލާމަސީލު މަސައްކަތްތަކަކީ ޕާޓީގެ މެންބަރުންނަށް ލިބިގެންދިޔަ ހިތްވަރެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެޅިގެންދިޔަ ވަރުގަދަ ބިންގަލެކެވެ. މިހާރު އެމްޑީޕީއަކީ މިއަދުގެ ސިޔާސީ މަސްރަހުގައި ހަރުދަނާކަމާއެކު ދެމި އޮތް ޕާޓީއެކެވެ.