އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަކަށް ގަޕޯ ކުރިމަތިލައިފި

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ބާއްވާ ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ ރެއަށް ތާވަލުކޮށްފި އެވެ. މި ބައްދަލުވުމަކީ، މިދިޔަ އާދީއްތަ ދުވަހުގެ ރޭ މައްސަލަ ޖެހިގެން މެދުކަނޑާލި ޖަލްސާގެ ކުރިއެކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވި ގޮތުގައި، ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދާނީ މެދުކަނޑާލި ބައްދަލުވުމުގެ ކޮންޓިނުއޭޝަނެއް ކަމަށްވާތީ، އާ ބޭފުޅަކަށް ޗެއާޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެގޮތުން، ކުރިން ނަން ހުށަހަޅައި ތާއީދު ލިބުނު ދެ ބޭފުޅުންގެ ތެރެއިން މިވަގުތު ބާކީ އޮތީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ޣާފޫ) ގެ ނަން އެކަންޏެވެ. ޣަފޫރަށް ތާއީދު ނުލިބި، އެ މަގާމަށް ނުހޮވިއްޖެ ނަމަ ނޫނީ، އެހެން ބޭފުޅަކަށް ކުރިމަތިލުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް އިބުރޭ ވިދާޅުވިއެވެ.

ވަގުތީ ޗެއާޕާސަން ހޮވަން ޖެހުނީ، މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އާދީއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަން ކަމަށް ޣަފޫރާ އެކު ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދެވެ. މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހަޅަން އުޅުނު، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ވެސް ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް، އޭނާއަކީ ގައުމީ މަޖިލީހުގެ މެންބަރަކަށް ނުވާތީ، އޭނާގެ ގާބިލިއްޔަތާ މެދު ސުވާލު އުފެދިފައި އޮތެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ތާއީދު ކުރެއްވި ވަހީދުގެ ނަމަށް ފުރަތަމަ ވޯޓަށް އެއްސެވިއިރު، ވަހީދު ވަގުތީ ޗެއާޕާސަން ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 47 މީހަކު ވޯޓު ދިނެވެ. ނަމަވެސް، އިދިކޮޅު ފެކްޝަނުން އަސްލަމްގެ ނަން ހުށަހެޅުމުގެ ފުރުސަތު ނުދިނުމުން ބޮޑު ޒުވާބެއް އުފެދި، އަސްލަމްގެ ނަމަށް ވޯޓަށް ނޭހި ބައްދަލުވުން ވަކި ހިސާބަކުން ހުއްޓާލީ އެވެ