އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ހޮވުން ކައުންސިލް އިންތިހާބަށް ފަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
ގައުމީ މަޖިލީހުން އެހެން ނިންމާފައިވާ ވަނީ ރޭ ބޭއްވި ބައްދަލުވުމުގައެވެ. މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި ގައުމީ މަޖްލިސް ޖަލްސާގައި ކެމްޕެއިނަށް ވަގުތު ބޭނުންވާތީ ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމަށް ބައެއް މެންބަރުންހިޔާލު ފާޅުކޮށްފައިވާތީއެވެ.
އެ ހިޔާލުތަކާއި ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވީ އަންނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ ތާރީހުން ފެށިގެން ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި ޗެއާޕާސަންގެ އިންތިހާބަށް އެމްޑީޕީން ފުރުސަތު ހުޅުވާލަން ވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވާނެ ގޮތުގެ ތާވަލެއް އެ ޕާޓީގެ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން އެކުލަވާލަން ވާނެ ކަމަށެވެ.
އެ ހުށަހެޅުމަށް ވޯޓަށް އެހުވުން ޖަލްސާގައި ބައިވެރިވެވަޑައިގެން 69 މެންބަރުންގެ ތެރެއިން 58 މެންބަރަކު ވަނީ ފެންނަ ކަމަށް ވޯޓު ދީފައެވެ.