އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ރީކޯ މޫސަ ދީނީ އިލްމުވެރިންނަށް ފުރައްސާރަ ކުރި މައްސަލާގައި އިލްމުވެރިންގެ ގުޅުމުން ފުލުހަށް މައްސަލަ ހުށައަޅައިފިއެވެ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ ވަނީ އެމްޑީޕީއިން ބޭއްވި ހަރުގެ ޖަލްސާގައި ރާއްޖޭގައި އުޅޭ ދީނީ އިލްމުވެރިންނަކީ މުރުތައްދު ވެފައިވާ ބައެއްކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން އިސްލާމީ މަރުކަޒުގެ އިމާމުން ބޮޑު މުސާރަނަގައިގެން އުޅުމަކީ ޖުވާކުޅުން ކަމަށް ވެސް މޫސަވަނީ ވިދާޅުވެފައެވެ.
އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނުގައި ބުނީ ރީކޯ މޫސަ އެ ގޮތަށް ވާހަކަ ދެއްކެވި މައްސަލަ ތަހުގީގުކޮށް، އޭނާ އަށް ފިޔަވަޅު އެޅުމަށް އެދިފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ އެއީ ދީނީ އިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށް ދައްކަވާފައިވާ ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.