ގާނޫނުއަސާސީއަށް ސަރުކާރުން ބަދަލު ގެންނަން ހުށަހަޅަނީ ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ތާއިދު ނެތުމުން ދެވަނަ ދައުރެއް "ވަލު ދޮރާށިން" ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުން ފާސްކުރި ދެ އިންތިހާބު އެއްކޮށްލާ ބިލަށް ފާޑު ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮތް ނިޒާމުން ޑިމޮކްރަޓިކް ހަރަކާތުގެ އުންމީދުތައް ފުރިހަމައަށް ހާސިލުނުކޮށްދެވޭ ކަމަށެވެ. އަދި އަނިޔާވެރި ވެރިންގެ ކިބައިން ރައްޔިތުންނަށް ހިމާޔަތް ހޯދައިނުދެވޭއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެން މި ގެންނަ ބަދަލުތަކަކީ ހުދުމުހުތާރު ވެރިން ބާރުގައި ތިބުމަށް އިތުރަށް މަގުފަހިކޮށްދޭ ބަދަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"ބޭނުންވަނީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން. އޭގެ ބަދަލުގައި ސަރުކާރާއި އަދި މުޅި ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.
ސަރުކާރުގެ މި ނިންމުމަކީ ހީލަތްތެރި ރޭވުމެއްގެ ގޮތުގައި ފާހަގަކުރައްވައި، ފައްޔާޒު ވަނީ މިކަމަށް ރައްޔިތުން ނޫނެކޭ ބުނުމަށް ގޮވާލައްވާފައެވެ. ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި ސަރުކާރަށް ދީގެން ނުވާނެ ކަމަށާއި، އިދިކޮޅުން މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިންމު ކަމެއްކަން ދަނެ، މި ކަމުގައި ސިޔާސީ ފިކުރާއި ޕާޓީތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތަށް ވިސްނަންޖެހޭ ކަމަށް ފައްޔާޒު ވަނީ ނިންމަވާލައްވަމުން ވިދާޅުވެފައެވެ.