ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަކީ މަޖިލީހުގެ ނިޒާމުތައް ހިނގާގޮތް ބަލައި ތަޖުރިބާ ހޯދުމަށް ކުރާ ދަތުރުތަކެއް ކަމަށާއި، ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން އެފަދަ ދަތުރުތަކުގައި ވަޑައިގަންނަވަނީ "ޝޮޕިން" އަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ދާދިފަހުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ހިމެނޭ ގޮތަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު ތަޖުރިބާތަކެއް ހޯދުމަށް ކުރެވުނު ދަތުރެއް ކަމަށެވެ. އަދި އެފަދަ ގައުމުތަކުގައި ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި ދެނެގަތުމަކީ މަޖިލީހުގެ މަސައްކަތްތަކަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، "އެ ތަންތަނަށް އަޅުގަނޑުމެން މި އިއްޒަތްތެރި މަޖިލީހުން ފައިސާ ޚަރަދުކޮށްގެން ފޮނުވަނީ އެ ތަންތަނުގައި ހިނގާ ނުހިނގާ ގޮތް ބަލައި ދެނެގަނެ، އެކަމުގެ ތަޖުރިބާ ހޯދަން. އިނގިރޭސިވިލާތުގައި ވެސް މިއީ ހަމަ ކުރާ ކަމެއް. މިއީ ހަމަ އެ ތަންތަނުގައި އޮންނަ ނިޒާމުތަކާއި ހިނގަމުންދާ ގޮތް ދެނެގަނެ، ތަޖުރިބާ ހޯދަންދަނީ،" ކަމަށެވެ. ނަމަވެސް އިދިކޮޅު މެންބަރުންނަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ އެ ބޭފުޅުން ދަތުރުތަކުގައި ވަޑައިގަންނަވަނީ ޝޮޕިންގ އަށް ކަމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ގާނޫނުއަސާސީގެ 241 ވަނަ މާއްދާއަށް ބަދަލު ގެނެވޭނެ ގޮތާއި އިސްލާހު ކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ވުޖޫދަށް އައި ފަހުން، ރައްޔިތުންގެ މަޖިލިސް ބާއްވަންޖެހޭ ތާރީޚުތަކާ ގުޅޭގޮތުންވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.