އެމްޑީޕީއިން ބޭއްވި މުޒާހަރާގެ ތެރެއިން - - ފޮޓޯ: ޖުމްލަ

އެލްއާރުއޭޑީ ބޭނުންކުރުން އެމްޑީޕީއިން ކުށްވެރިކޮށްފި

އާއިޝަތު އަނާ ރަޝީދު
 
3 ދުވަސް ކުރިން

އިއްޔެ ރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި އަޑުގަދަ އާލާތް (އެލްއާރުއޭޑީ) އަކީ އިސްރާއީލުން އުފައްދާފައިވާ، އަދި ފުލުހުންނަށް ބޭނުންކުރުމުގެ ހުއްދަ ނެތް އެއްޗެއްކަމަށް އެ ޕާޓީގެ ޤާނޫނީ ވަކީލުން ހާމަކޮށްފިއެވެ.

ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި މުޒާހަރާގެ ބައިވެރިން މާޖިދީމަގުން ކުރިއަށްދިއުމަށް މަސައްކަތްކުރުމުން، ފުލުހުން އެކަން ހުއްޓުވިއެވެ. އޭގެ ފަހުން އެސްއޯ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން މުޒާހަރާ ގަދަވެގެން ދިޔައެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕަރ ސްޕްރޭގެ އިތުރުން އަޑުގަދަ އާލާތް ވެސް ބޭނުންކުރިއެވެ.

މުޒާހަރާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޤާނޫނީ ވަކީލު އަހުމަދު މައުރޫފް ވިދާޅުވި ގޮތުގައި، އިސްރާއީލުގެ އުފެއްދުމެއްކަމަށްވާ މި އާލާތަކީ ފުލުހުންނަށް ބޭނުންކުރުމުގެ ހުއްދަ އޮތް އެއްޗެއް ނޫންކަން އެނގިފައިވެއެވެ. އިސްރާއީލުގެ އުފެއްދުންތައް އެތެރެކުރުން މަނާ ޤައުމެއްގައި މިފަދަ އާލާތެއް ބޭނުންކުރަން ފެށުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުޒާހަރާގައި ބައިވެރިންނަށް ލިބުނު އަނިޔާތަކުގެ ވާހަކަ ދައްކަވަމުން، އެމްޑީޕީގެ އަނެއް ޤާނޫނީ ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވީ މުޒާހަރާކުރި މީހުންނާއި އެ ސަރަހައްދުގެ ރައްޔިތުންގެ އަޑުއިވުމަށް ދާއިމީ ގެއްލުން ލިބިފައިވާ ކަމަށެވެ. މި މުޒާހަރާއާ ގުޅިގެން 13 މީހަކު ހައްޔަރުކުރިކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވާއިރު، މުޒާހަރާގައި ބައިވެރިވި މެންބަރަކަށް ހާޓް އެޓޭކް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަން ވެސް ފާހަގަކުރެވެއެވެ.